އޭއެފްސީ ޗެލެންޖެ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ފަޅިން ވާދަކުރާ ހުރިހާ ޓީމެއް ރޭ ދަންވަރުގެ ވަގުތެއްގައި އައްޑު އަށް ހިގައްޖެ އެވެ.

ޓީމްތައް ރޭ އައްޑު އަށް ދިއުމުން ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި އައްޑޫ ސިޓީގެ އިސްވެރިން ވަނީ ޓީމްތަކަށް ވަރަށް ހޫނު މަރުހާބާއެއް ކިޔައިފަ އެވެ. ޓީމްތައް ރޭ އައްޑު އަށް ދިޔައީ މޯލްޑިވިއަން ފްލައިޓަކުންނެވެ.

ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، މަރާމާތަށް ފަހު ހިތަދޫ ޒޯން ސްޓޭޑިއަމް ހުޅުވަން ބާއްވާ ރަސްމިއްޔާތުގައި މިރޭ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުލިވަރާ ބެހޭ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އައްޑޫ ސިޓީގެ އިސްވެރިންނާއި އެފްއޭއެމްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަަމަށެވެ.

ދަނޑު ހުޅުވުމުގެ ގޮތުން ފުޓްބޯޅަ މެޗެއް ކުޅުމަށް ކުރިން ރޭވި ނަމަވެސް މުބާރާތުގެ ކުރިން ދަނޑުގެ ވިނަގަނޑު ބޭނުންކުރުން ރަނގަޅުނުވާނެތީ އެ މެޗު ނުކުޅޭ ގޮތަށް މިހާރު ވަނީ ނިންމާފައި ކަމަށް ވެސް މިނިސްޓަރު ވިދަޅުވި އެވެ. އަދި ވިދާޅުވީ މިރޭގެ ކުލަގަދަ ރަސްމިއްޔާތުގައި ގައުމީ ޓީމަށް ކުރިން ކުޅުނު އައްޑު އަށް ނިސްބަތްވާ ކުޅުންތެރިންނާއި އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުން ވެސް ބައިވެރި ވާނެ ކަމަށެވެ.

ޒޯން ސްޓޭޑިއަމަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކުރިން ސްޓޭޑިއަމްގައި ހުރި ސިޑިބަރިއާ ގުޅުވައިގެން ދެ ފަރާތުން ސިޑިބަރި ބޮޑުކުރުމާއި ސިޑި ބަރީގެ ދަށުގައި ހަދަން ޖެހޭ ބައިތައް ހެދުމާއި ދަނޑުގެ ވަށައިގެން ފެންސް ޖެހުމުގެ އިތުރަށް ސްޓޭޑިއަމްގައި ޒަމާނީ ފެންވަރުގެ ލައިޓިންގް ސިސްޓަމް ވެސް މިހާރު ވަނީ ހަރުކޮށް ނިމިފަ އެވެ.

ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ތިބެން ހަމަޖެހިފައި ވަނީ ހެރެތެރެ އައިލެންޑު ރިސޯޓުގަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޮސް އެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ލާއޮސް އާއި ތުރުކުމަނިސްތާނެވެ.

ގްރޫޕް ބީގައި ވާދަކުރާ ހަތަރު ތީމުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ އައި ޓީމަކީ ލާއޮސެވެ. ދެ ވަނަ ޓީމެއްގެ ގޮތުގައި ގްރޫޕް ބީ ފަޅިން މާލެ އައީ މިއަދު ހެދުނު އަފްގާނިސްތާނެވެ.