ކުއާލަލަންޕޫރު (މޭ 18) : މެލޭޝިޔަން އެއަރލައިންސްގެ އެމް އެޗް 370 ފްލައިޓް މީގެ ދެމަސްކުރިން ގެއްލުމުގެ ހާދިސާއާ ގުޅިގެން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި 138 މިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިއްޖެކަން އެކުންފުނިން ހާމަކޮށްފި އެވެ.

މެލޭޝިޔަން އެއަލައިންސުން ބުނީ އެކުންފުނީގެ ހިއްސާގެ އަގުގެ 40 އިންސައްތަ ހިއްސާގެ ބާޒާރުގައި މިހާރު ގެއްލިފައިވާ ކަމަށާ އެކުންފުންޏަށް ކަސްޓަމަރުންކުރާ އިތުބާރުގެ ބޮޑުބައެއް ވެސް ގެއްލިގެންގޮސްފައިވާ އިރު މިކަން އަލުން އަނބުރައި ރުޖޫއަކޮށް އިތުބާރު އަލުން ހޯދުމަށް ގިނަ އަދި ބުރަ މަސައްކަތްތަކެއްކުރަންޖެހޭ ކަމުގަ އެވެ.

މެލޭޝިޔަން އެއަރލައިންސްގެ އެމް އެޗް 370 ފްލައިޓް 249 މީހުންނާއެކު ކުއާލަލަންޕޫރުން ޗައިނާގެ ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށް މިދިޔަ މާޗް މަހު އެބޯޓު ގެއްލިފައިވާ އިރު އެބޯޓު ހޯދުމަށް 136 މިލިޔަން ޑޮލަރު އެކުންފުނިން ހޭދަކޮށްފައިވެ އެވެ. އެމް އެޗް 370 ފްލައިޓް ހޯދުމުގެ މަސައްކަތް މާޔޫސްކަމާ އެކު ކުރިޔަށްގެންދާ އިރު މިކަން ކޮޅެއްގައި ޖެއްސޭނެ ކަމުގެ އުންމީދުވެސްވަނީ ގެއްލިފަ އެވެ. ގެއްލިފައިވާ ފްލައިޓް ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދާ އިރު މެލޭޝިޔަން އެއަލައިންސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ރޫހު ވެސް ގެއްލި ގިނަ މުވައްޒަފުން މަސައްކަތްކުރަނީ ހިތްދަތިކަމާއި މާޔޫސްކަންމަތީގައި ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.

މެލޭޝިޔަން އެއަރލައިންސްގެ މިހާރުގެ ހާލަތު އޮތްގޮތުން 76 އަހަރުވީ މިކުންފުނީގެ މުސްތަގްބަލާ މެދު ސުވާލު އުފެދިފައިވާ ކަމަށާއި އެ ކުންފުނި އިފްލާސްވެ ރޫޅިގެން ދިޔުމުގެ ބިރުވެސް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)