ޕެރިސް (މޭ 18) : ނައިޖީރިޔާގެ ބޮކޯ ހަރާމް ޖަމާއަތާމެދު އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދްގެ ދައުވަތަކަށް ޕެރިހުގައި އިއްޔެ ބައްދަލުކުރެއްވި އެފްރިކާގެ ލީޑަރުން އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރައްވައިފި އެވެ.

މިސަމިޓުން ނެރުނު ބަޔާނުގައި ބޮކޯ ހަރާމް ޖަމާއަތަކީ އަލްގާއިދާ އާ ގުޅިފައިވާ ޖަމާއަތެއް ކަމަށް ސިފަކޮށް އެޖަމާއަތަކީ ނައިޖީރިޔާގެ އިތުރުން އެފްރިކާގެ ހުޅަނގު ހުރިހާ ގައުމުތަކަށް އޮތް ނުރައްކަލެއް ކަމަށްބުނެ އެޖަމާއަތާ ދެކޮޅަށް ގުޅިގެން ހަނގުރާމަ ކުރާނެކަން ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ލީޑަރުން ހާމަކުރައްވާފައިވެ އެވެ.

ދާދިފަހުން ނައިޖީރިޔާގެ އަންހެންކުދިންގެ ސްކޫލަކަށް ހަމަލާދީ އެސްކޫލްގެ 200 އަށް ވުރެ ގިނަ އަންހެންކުދިން ވަގަށްނަގައިގެންއުޅޭ ބޮކޯ ހަރާމް ޖަމާއަތާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޕެރިހުގައި އިއްޔެ ބޭއްވި ސަމިޓްގައި ފަރަންސޭސިވިލާތާއި ނައިޖީރިޔާގެ އިތުރުން ޗާޑް، ކެމެރޮން، ނައިޖަރ، ބެނިޔަންގެ ރައީސުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާއިން ވެސް މިސަމިޓްގައި މަންދޫބުން ބައިވެރިކޮށްފައިވެ އެވެ.

މިސަމިޓްގައި، ބޮކޯ ހަރާމް ޖަމާއަތާއި އެފްރިކާގެ މެދުތެރެއާއި ހުޅަނގުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ މިފަދަ ހަނގުރާމަވެރި އެހެން ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް އެޖަމާއަތްތަކުން ކުރިމަތިކުރާ ނުރައްކާތަކުން ސަލާމަތް ވުމަށް ސްޓްރެޓެޖީތަކެއް އެކަށައެޅުމާބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ. އަދި ބޮކޯ ހަރާމް ޖަމާއަތް ހިސާރުކޮށް އެޖަމާއަތާ ހަނގުރާމަކުރުމަށް ބޭނުންވާ ޖާސޫސީ މައުލޫމާތު ބަދަލުކުރުމަށް ވެސް މިސަމިޓްގައި ބައިވެރިވި އެފްރިކާގެ ގައުމުތަކާއި ވިލާތުގެ ގައުމުތަކުން އެއްބަސްވެފައިވެ އެވެ.

މިސަމިޓް ފެށުމުގެ ކުރިން ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ވަނީ ބޮކޯ ހަރާމް ޖަމާއަތުން ވަގަށްނަގައިގެން އުޅޭ ނައިޖީރިޔާގެ 200 އަށްވުރެ ގިނަ އަންހެންކުދިން މިނިވަންކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ފޯނުން މަޝްވަރާ ކުރައްވާފަ އެވެ. މިމަޝްވަރާތަކާ ބެހޭ ގޮތުން ވައިޓް ހައުސްއިން ބުނެފައި ވަނީ ވަގަށްނަގާފައިވާ އަންހެންކުދިން ސަލާމަތްތެރިކަމާ އެކު މިނިވަން ކުރުމަކީ އެމެރިކާ އިސްކަންދޭކަންތައްތަކުގެ ލިސްޓަށް މިހާރު އަރާފައިވާ ކަމެއް ކަމުގަ އެވެ. މިކަމަށްޓަކައި އެމެރިކާ ސިފައިންގެ ސްޕެޝަލް އޮޕަރޭޝަންގެ ޚާއްސަ ޓީމުތަކާއި ޕައިލެޓަކާނުލައި ދަތުރުކުރާ އެމެރިކާގެ ޖާސޫސީ އަދި ހަމަލާދޭ މަތިންދާބޯޓްތައް ނައިޖީރިޔާގައި ހަރަކާތްތެރިވަމުންދާކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފައިވެ އެވެ.

ބޮކޯ ހަރާމް ޖަމާއަތާދެކޮޅަށް ފަރަންސޭސިވިލާތުގައި ބައިނަލްއަގްވާމީ ފެންވަރުގެ ސަމިޓް ބައްދަލުވުމެއް ބޭއްވިފައިމިވަނީ އެޖަމާއަތުން ނައިޖީރިޔާގައި ތަކުރާރުކޮށް ހިންގަމުން ގެންދާ ބޮން ގޮއްވުމާއި މީހުން މެރުމުގެ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަސްޖެހިވަޑައިގަންނަވާ ކަމުގެ ތުހުމަތު ރައީސް ގުޑްލަކް ޖޮނަތަންގެ މައްޗަށް ކުރެވިފައިވާ ދަނޑިވަޅެއްގަ އެވެ.
ބޮކޯ ހަރާމް ޖަމާއަތުން ނައިޖީރިޔާގެ ސްކޫލަކަށް ނިސްބަތްވާ 200 އަށް ވުރެ ގިނަ އަންހެންކުދިން ވަގަށްނެގިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު އެކުދިން ހޯދުމަށާއި ބޮކޯ ހަރާމް ޖަމާއަތުގެ އަތްދަށުން އެކުދިން ސަލާމަތް ކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެއްވުމުގެ ތުހުމަތު ނައިޖީރިޔާގެ ރައްޔިތުން އެގައުމުގެ ރައީސް ޖޮނަތަންގެ މައްޗަށް ކުރަމުން ގެންދެ އެވެ. އަދި މިމައްސަލާގައި އެމެރިކާއާއި ވިލާތުގެ ބޮޑެތި ބާރުތަކުގެ ފާޑުކިޔުންތައް ވެސް ރައީސް ޖޮނަތަންގެ މައްޗަށްވަނީ އަމާޒުވެފަ އެވެ. (ރޮއިޓާސް)