18 May 2014, 09:49
ވެށިފަހި ޕްރޮގުރާމްގެ ދަށުން ހުޅުމާލެގައި އަޅާފައިވާ ފެލްޓްތަކުގައި ދިރިއުޅޭ މީހަކާއި މިހާރު ދިމާވެއްޖެ ނަމަ ދައްކަނީ ފްލެޓްތަކުގެ ފެންވަރު ދަށް ވާހަކަ އެވެ. ކިތަންމެ ބޮޑު އުއްމީދަކާ އެކު ހުޅުމާލެގައި އުޅެން ފެށި ނަމަވެސް ބައެއް މީހުން މިހާރުވަނީ އެތަނުގައި އުޅެންވެސް ފޫހިވެފަ އެވެ.
ހުޅުމާލެ 103 ފްލެޓްގައި އުޅެމުންދާ އިބްރާހިމް މަނިކު ސަން އާ ވާހަކަ ދައްކަމުން ފްލެޓްތަކުގެ ޝަކުވާތައް އޮއްސާލި އެވެ. އޭނާ ދައްކާ ވާހަކަ ހަގީގަތެއްކަން ސާބިތުކޮށްދިނުމަށް ޓަކައި އެ ފްލެޓުން އެތައް ތަނެއްވަނީ ދައްކާފަ އެވެ. އިބްރާހިމެކޭ އެއްގޮތަށް އެންމެ ގިނަ މީހުން ފާހަގަކުރާ ބޮޑު މައްސަލައަކީ ފްލެޓްތަކުގައި ފްލެޓްތަކުގެ މުށިތައް ނެއްޓެން ފެށުމެވެ. އޭގެ ތެރެއިން ބައެއް ފްލެޓްތަކުގައި މިހާރު ވަނީ މުށިތައް ބަދަލުކޮށްފަ އެވެ. ބައެއް ފެލްޓްތަކުގައި މުށިތައް ނުނެއްޓިހުރީ "ނަމެއްގަ"އެވެ.
"މިހާރު މި އުޅެނީ އެހެން ތަނަކަށް ބަދަލުވާން. މި ގޭގެ ކޮޓަރިތަކުގެ މުށިތައް ވެސް ހުރީ ނެއްޓިފައި. ފެން އިސްކޫރުތައް މިއަދު މި ބަދަލުކުރަނީ. އިސްކޫރުތައް ވެސް ބާރެއްނުވޭ. މިތާ މަތީގެ މުށިތައް ކުރިން ރެއަކު ބަދަލުކުރިތަން ދެކުނި،" އުކާލަން އެއްކޮށްފައި ހުރި މުށިތަކެއް ދައްކާލަމުން މީހަކު ބުންޏެވެ.
މިއީ މީހުން ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެގެންވާ ކަމެއް ނޫންކަން ހުޅުމާލެ ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންވެސް ގަބޫލުކުރެ އެވެ. އެހެންކަމުން އެޗްޑީސީން މުށިތައް ނެއްޓުމުން މުށިތައް ބަދަލުކޮށްދެނީ އެޗްޑީސީން އިންނެވެ. ނަމަވެސް މީހުން ދިރިއުޅެމުންދަނިކޮށް އަލުން ބަލުން އެތަނުގެ ތަށިމުށިތައް ބަދަލުކުރުމަކީ ފަސޭހަކަމެއް ވެސް ނޫނެވެ. އަދި އެ މަސައްކަތްކުރާ އިރު ކައިރީގައި އުޅޭ މީހުނަށް ވެސް ވަނީ ތަކުލީފަކަށް ވެފަ އެވެ.
ފްލެޓުތަކުގައި ދިރިއުޅެމުންދާ އަންހެނަކު ކުރި އެއް ޝަކުވާއަކީ އެނާ އުޅޭ 133 ވަނަ ފްލެޓްގައި ބައެއް ފަންކާތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލާކުވި ވާހަކަ އެވެ. އެ މައްސަލައިގެ ތެރެއަށް އިތުރުވި އަނެއް މައްސަލައަކީ ބައެއް ކޮޓަރިތަކުގެ ތަޅުގެ މައްސަލަ ޖެހި ތަޅު ނުލެވޭ މައްސަލަ އެވެ. ބައެއް ކޮޓަރިތަކުގެ ތަޅު ބަދަލުކުރުމަށް ވެސް ބައެއް މީހުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެކަން އެޗްޑީސީ އަށް އެންގި ނަމަވެސް އޭގެ ބަދަލު ދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. ސަން އާ ވާހަކަ ދެއްކި ބައެއް މީހުންގެ ވާހަކަތަކަށް ބަލާ އިރު މައިގަނޑު ގޮތެއްގައި ގިނަ ފްލެޓްތަކަށް ވެސް ދިމާވެފައި ވަނީ އެއް މައްސަލަތަކެކެވެ.
"އަހަރެން ހީކުރީ އަހަރަމެންގް ފްލެޓްތައް އެކަނި ކަމަށް މި ކޮޓަރިތަކުގެ މައްސަލަ މި ޖެހުނީ. އެކަމު މިހާރު އެނގިއްޖެ އެހެން ފްލެޓްތަކުގައި ވެސް އެ މައްސަލަ އެބައުޅޭކަން، " އެޗްޑީސީ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު ކިޔާދިނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ އަލަށް މީހުން ދިރިއުޅެންފަށާފައިވާ ވެށިފަހިމާލެ ފްލެޓްތަކުގައި ޖަހާފައިވާ ތަށި މުށިތައް ނެއްޓުމާއި އެހެންވެސް ބައެއް ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ފްލެޓްތައް އަޅާފައިވާ ކޮންޓްރެކްޓަރާއި ގުޅިގެން މުށިތައް ނެއްޓިފައިވާ ފްލެޓްތަކުގައި އާ މުށިތައް ޖަހާދެމުންދާ ކަމަށެވެ.
"މުށިތައް ނެއްޓޭތީ އެފަދަ ޝަކުވާތައް އާދޭ. އެ ފްލެޓްތައް އަޅާފައިވާ ކޮންޓްރެކްޓަރާއި ގުޅިގެން މިދަނީ މުށިތައް ބަދަލުކުރަމުން. އެނޫން އެހެން މައްސަލަތައް ލިބެމުންދޭ،" ސުހައިލް ވިދާޅުވި އެވެ.
ނަމަވެސް އެޗްޑީސީން ބުނީ ފެލްޓްތަކުގެ މުށިތައް ބަދަލުކޮށްދެނީ ވަކި މުއްދަތެއްގެ ތެރޭގައި ރިޕޯޓްކުރާ ފަރާތްތަކަށް ކަމަށެވެ.
ނަމަވެސް މިކަން ކަމުގައި ގެއްލުން ލިބެމުންދާ ފަރާތްތަކުން ބުނަމުންދަނީ އެމީހުނަށް ލިބެމުންދާ ގެއްލުންތައް މިހާރަށް ވުރެ ބޮޑަށް ބަލަން ޖެހޭނެ ކަމަށެވެ.