އަންނަ ހޯމަ ދުވަހު އައްޑޫ ސިޓީގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ސްޓޭޑިއަމް ތައްޔާރުކޮށް، ލައިޓްތައް ޓެސްޓްކޮށްފި އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރޭ ދަންވަރު 12 ޖެހީއްސުރެން ފަތިހު 5 ޖަހަންދެން ލައިޓްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރި ކަމަށެވެ. އަދި ހުރިހާ ލައިޓްތައް ވެސް ބަރާބަރަށް މަސައްކަތް ކުރާ ކަމާއި ދަނޑު މުބާރާތަށް "ފައްކާވެފައިވާ" ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކުރަނީ ރީތި ކުރުމަށް ކުރާ ކުދި ކުދި މަސައްކަތްތައް. އޭގެ ތެރޭގައި ޕިޗުގެ ވަށައިގެންވާ ސަރަހައްދުގައި ގާތައް ރީތި ކުރުމާއި ކުލަ ޓަޗު ޖައްސާލަން ޖެހޭ ތަންތަނުގައި ޓަޗު ޖައްސާލުން ހިމެނޭ." އޮފިޝަލް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިރޭ ދަނޑު ހުޅުވާނީ ސްކޫލް ކުދިންގެ އައިޓަމްތަކުން ކަމަށާއި އެ ރަސްމިއްޔާތު ފެއްޓޭނީ މިރޭ 8:30ގައި ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޗެލެންޖު ކަޕްގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

މުބާރާތުގެ ގްރޫޕް ބީގައި އައްޑޫ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 20 ވަނަ ދުވަހު ހަވީރު 4ގައި ބައްދަލުކުރާނީ ތުރުކުމަނިސްތާނާއި ލާއޯސްއެވެ. ދެ ވަނަ މެޗުގައި 20 ވަނަ ދުވަހުގެ ރޭ 9 ގައި ބައްދަލުކުރާނީ ޕިލިޕިންސްއާއި އަފްޣާނިސްތާނެވެ.