އެއީ ހީވާގި މަސްވެރިއެކެވެ. އޭނާ ކުރަމުންދާ މަސްވެރިކަމަކީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. އެކަމުން އޭނާ އަށް ދަނީ ބޮޑު އާމްދަނީއެއް ލިބެމުންނެވެ. ކޮންމެ ހަފްތާއަކުން، ހަފްތާއަކުން މަސް ދަތުރެއް ނިންމަ އެވެ. އެއިން ކޮންމެ ދަތުރަކުން ވެސް އެވުރެޖް އާމްދަނީއެއްގެ ގޮތުން އޭނާ އަށް 7000 ރުފިޔާ އާއި 8000 ރުފިޔާއާ ދޭތެރޭގެ އާމްދަނީއެއް ލިބެ އެވެ. މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. ނަމަވެސް މަސްވެރިކަމުގެ ދާއިރާގައި އޭނާ ކުރާ މަސައްކަތުން މި ރާއްޖެ އަށް އުފަލެއް ނެތެވެ.

އިސްވެ ތައާރަފް ކުރުވި މީހާއަކީ ދިވެހިންގެ ލޭނާރުގައި މަސައްކަތް ކުރާ ބިދޭސީ އެވެ. އޭނާ އަކީ އަވައްޓެރި ގައުމެއްކަމަށްވާ ބަނގުލަދޭޝް އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ މީހެކެވެ. އޭނާ އަކީ ގަވާއިދާ ހިލާފަށް ރާއްޖެ އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެކެވެ. ނަމަވެސް އޭނާ ދަނީ ބޮޑު އާމްދަނީއެއް ހޯދައި އެ ފައިސާ އޭނާގެ ގައުމަށް ފޮނުވަމުންނެވެ.

"ނޯމަލް ޖޮބްދަނީމަ ލިބެނީ މަހަކު 150 ޑޮލަރު، މިގޮތަށް މަސް ބާނަނީމަ ލިބެނީ އޮފީސްގައި ތިބޭ ދިވެހި މީހާއަށް ވުރެ ގިނަ ފައިސާ،" ހިނި ގަނޑެއް ޖަހާލަމަށް ފަހު އެބިދޭސީ މީހާ ބުންޏެވެ.

މިއީ އެންމެ ބިދޭސީއެއްގެ ވާހަކަ އެވެ. ނަމަވެސް ހަގީގަތަކީ އެކިއެކި މަސްވެރިކަމުގައި އެތައް ސަތޭކަ ބިދޭސީއިންނެއް މިހާރު މަސައްކަތް ކުރަމުންދާ ކަމެވެ. އެހެން ކަމުން އެ މީހުން ދަނީ ބޮޑު ނަފާއެއް ހޯދަމުންނެވެ. ވެރިރަށް މާލޭގެ މަސް މާރުކޭޓާއި މާލޭގެ ބަނދަރުތަކުން މުށި މަހަށް ދާ ދޯނިތަކުގަޔާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަމުގެ ދާއިރާގައި ބިދޭސީން ދަނީ މަސައްކަތް ކުރަމުންނެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގައި ބުނަނީ ފަޅުވެރިންގެ ގޮތުގައި ނުވަތަ އެހެން ގޮތަކަށް ނަމަވެސް ބިދޭސީންނާއި ގުޅިގެން، ބިދޭސީން ހިމެނޭ ގޮތަށް ނުވަތަ ބިދޭސީން ބައިވެރިކޮށްގެން އެއްވެސް ބާވާތެއްގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ނަމަވެސް ހަގީގަތަކީ ގަވާއިދަކީ ހަމައެކަނި ކަޅާއި ހުދުން ލިޔެފައި އޮތް އެއްޗަކަށް ވުން އެކަންޏެވެ. އެއަކަށް އަމަލެއް ނުކުރެ އެވެ. ފެންނަ ފެނުމަށް އެ ފަދަ ކަންތައްތައް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތައް ވަނީ ނުކުޅެދިފަ އެވެ. ބިދޭސީން އުޅެމުންދާ މިނިވަންކަން އެކަމުން ރަމްޒްކޮށްދެ އެވެ.

ދިވެހިންނަށް ފުރުސަތު ނުދީ ބިދޭސީން މަސްވެރިކަމުގެ ދާއިރާގައި ގެންގުޅެނީ ކީއްވެގެންބާ އެވެ؟

"ހަގީގަތުގައި ވާގޮތަކީ ބިދޭސީން ހަދާނެ ބުނާހާ ގޮތެއް، ކައްކާށޭ ބުނިއްޔާ ކައްކާނެ، ބުނިހާ ގަޑިޔަކު މޫދަށް އެރެން ވެސް އެ މީހުން ރެޑީވޭ، އަނެއް ކޮޅުން ކެޔޮޅުމެން ގޭގެއަށް ގޮސް މަސް ކަޑައިދީ ބުނިހާ ގޮތެއް ހަދާނެ ބިދޭސީން، އެކަމަކު ދިވެހިން ނޫޅޭނެ ދޯ އަޅުންނަށް ވެގެނެއް، އެހެންމެ ކެޔޮޅުންނަށް ބިދޭސީން ކަމުދަނީ،" ގއ. ރަށަކަށް ނިސްބަތްވާ މަސް ދޯންޔަކުން ކަންނެއްޔަށް ދާ އިބްރާހިމް އިހުސާން ބުންޏެވެ.

މި ދެއްކީ ދިވެހިންގެ ލޭނާރުގައި ބިދޭސީއިންގެ އަތް ގަދަކޮށްފައިވާ ކަމުގެ ވާހަކަ އެވެ. އެކަމަކީ ގިނަ ދާއިރާތަކަށް ދިމާވެފައިވާ މައްސަލައެކެވެ. ދަނޑުވެރިކަން ވެސް ހަމައެފަދަ އެވެ. އަތޮޅުތެރޭ ރަށްރަށުގައި ދަނޑު ހެއްދުމުގެ މަސައްކަތުގައި ގިނައިން ބިދޭސީން މިހާރު ހަރަކާތްތެރިވެ އެވެ. މީގެ ކުރިން މަސައްކަތު މީހުންގެ ގޮތުގައި އެ މަސައްކަތް ފެށި އެ މީހުންނަކީ މިހާރު އެ ދަނޑުތަކުގެ ވެރިންނެވެ. ދަނޑު ހައްދަނީ ވެސް އެތަކެތި މާލެ ފޮނުވަނީ ވެސް އަދި ދަތުރުވެރިންގެ މާރުކޭޓްގައި އެތަކެތި ވިއްކަން ވެސް މިހާރު ގިނަ އަދަދެއްގެ ބިދޭސީއިން ހަރަކާތްތެރިވެ އެވެ.

ލ. ގަމުގެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ގަވާއިދާ ހިލާފަށް އެ ރަށުގައި އުޅެމުންދާ ބިދޭސީން އެ ރަށުގައި ދަނޑުވެރިކަންކޮށް އެ ތަކެތި މާލެ ފޮނުވައިގެން ވިއްކަމުންދާ ކަަމަށެވެ. އަދި އެކަން ކުރަނީ މާލޭގައި ދިރިއުޅޭ އެ މީހުންގެ އެޖެންޓުންނާ ގުޅިގެން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"ވަލު ތެރޭގައި އަޅުގަނޑުމެންނަށް ނުފެނި އަމިއްލަ ގެދޮރުގައި ]ބިދޭސީން[ އެބައުޅޭ. އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލައި އެ މީހުން ވަކިން ދަނޑު ހައްދައިގެން އެމީހުންގެ ވަރަށް ބޮޑު ނެޓްވޯކެއް އެބަ އޮވޭ. އެ މީހުން ލޯކަލް މީހުންގެ އަތުން އެއްޗެހި ގަނެގެން، މާލޭގައި ތިބޭ އެ މީހުންގެ އޭޖެންޓުނަށް ދީގެން މާލޭގައި އެ ވިޔަފާރި އެބަ ކުރޭ ވަރަށް ފުޅާ ދާއިރާއެއްގައި،"ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އެ ރަށަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފުލުހުންނާ އެކި ފަހަރުމަތިން މަޝްވަރާކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށް އެ މައްސަލަ އަށް އެއްވެސް ހަލެއް ލިބިފައި ނުވާ ކަމަށެވެ.

އާންމު ރައްޔިތުން މިކަން ހުއްޓުވަން ކުރާ މަސައްކަތް ކިތަންމެހާ ވެސް ހިތްޗެވެ. އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރުމަކީ ބިދޭސީންނަށް މަނާކަމެކެވެ. ނަމަވެސް މާލޭ މާރުކޭޓުގައި ގިނައިން މިހާރު މަސްވިއްކަން ތިބެނީ ބިދޭސީންނެވެ. ދަނޑުވެރިންގެ މާރުކޭޓުގެ ގޮޅިތަކެކޭ "ޑާކާ ބާޒާރެކޭ" ތަފާތެއް ނެތެވެ. ކަންމަތީ ފިހާރައަކީ ބިދޭސީ ސޭޓުގެ ތަނެކެވެ. ކެފޭ ހޮޓާތަކުން ކާއެއްޗެއް ލިބޭނީ ބިދޭސީއަކު ކައްކައި ބިދޭސީއަކު ގެނެސްދީފިއްޔާ އެވެ. ބޮޑެތި ވިޔަފާރިތަކުގެ މުގުލުގައި ތިބީ ބިދޭސީންނެވެ. މި ހަގީގަތް މިހެންއޮތް އިރު ކަމާބެހޭ އިދާރާއަކާއި ސުވާލުކޮށްލަމާތޯ އެވެ. އޭރު ވެސް މިހާރު ވެސް ދޭނީ އެއް ޖަވާބެކެވެ. އެއީ "ވަރަށް ސީރިއަސްކޮށް ތި ފަދަ މައްސަލަތައް ބަލަމުން މި ދަނީ،" އެއީ އެވެ. ފަސޭހަ ޖަވާބެކެވެ.

ދިވެހިންގެ އިގްތިސާދުގެ ގިނަ ދާއިރާތަކަށް "ބިދޭސީ ބަލިމަޑުކަމެއް" އައިސްފައިވާ އިރު ތަފާސް ހިސާބުތައް ދައްކާގޮތުން ވަޒީފާއެއް ނެތި 38493 ދިވެހިން ރާއްޖޭގައި އެބަތިއްބެވެ. މުޅި ރާއްޖޭގައި ވަޒީފާ ނެތް ދިވެހިންގެ ނިސްބަތް 28.1 ޕަސެންޓެވެ. ވަޒީފާގައި އުޅޭ ބިދޭސީންނަށް ބަލަމާތޯ އެވެ. ކޮންސްޓްރަކްޝަން ދާއިރާގައި 34260 ބިދޭސީ އިން މަސައްކަތްކުރާ އިރު ޓޫރިޒަމް ދާއިރާގައި 13488 ބިދޭސީއަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި 1103 ބިދޭސީއަކު މަސައްކަތް ކުރަމުންދާއިރު ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގައި 4595 ބިދޭސީއަކު ވަޒީފާ އަދާކުރަމުންދެ އެވެ. ތައުލީމީ ދާއިރާގައި 2114 ބިދޭސީން މަސައްކަތްކުރެ އެވެ. މާލީ ދާއިރާގައި 6860 ބިދޭސީއަކު އުޅޭ އިރު ކޮމިއުނިޓީ އަދި ސޯޝަލް އެކި ހިދުމަތްތަކުގައި 9949 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ ހުއްދަ ނަގައިގެން އުޅޭވަރެވެ. ގިނައީ ހުއްދަ ނުނަގާ އުޅޭ ބިދޭސީންނެވެ. އެހެން ކަމުން މިދެއްނެވި އަދަދުތައް ކިތައް ގުނައަށް އިތުރުވާނެ ކަމަށް އަންދާޒާ ކޮށްލާށެވެ.

އިގްތިސާދު ހަމަޔަކަށް އަޅުވާ ވާހަކައަކީ ސިޔާސީ ވެރިން އެންމެ ގިނައިން ދައްކާ އެއް ވާހަކައެވެ. ހަގީގަތަކީ ބިދޭސީންގެ މައްސަލައަށް ހައްލެއް ނުގެނެސް ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް ނޭޅޫވޭނެކަމެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ މަސައްކަތް ކުރާ ކޮންމެ ބިދޭސީއަކު މަހަކު މަދުވެގެން 100 ޑޮލަރާއި 200 ޑޮލަރުގެ ނިސްބަތުން އެ މީހުންގެ ގައުމަށް ފައިސާ ބޭރު ކުރަމުންދާ ނަމަ އަހަރު ދުވަހުގެ ތެރޭގައި 86 މިލިއަން ރުފިޔާ އާއި 174 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރުވާނެ އެވެ. މިއީ މަދު ދާއިރާތަކަކުން ބޭރު ފައިސާ ލިބޭ މިގައުމަށް އޮތް ކިހާބޮޑު ނުރައްކަލެއްތޯ އެވެ؟

ބިދޭސީންގެ މައްސަލައަށް ބަލާއިރު މިހާތަނަށް މުޅިންވެސް ފެނިފައި ވަނީ އެމައްސަލާގައި "ހޮޅި" ވާހަކަތައް ދައްކާފައިވާތަނެވެ. ހެޔޮ ފިޔަވަޅެއް އެޅިފައިވަނީ މަދު ފަހަރެއްގަ އެވެ. ހަގީގަތަކީ ރާއްޖެ އަށް ބިދޭސީންގެ މައްސަލަ ދިމާވެފައިވާ މިންވަރާއި އަޅާބަލާ އިރު އެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމެވެ.

"އަޅުގަނޑުމެން އެންމެންނަކީ ވެސް ވަޒީފާގެ ފުރުސަތުތަށް ބެނުންވާ ބައެއް. ޒުވާނުންނަށް ވަޒީފާ ލިބޭ މިންވަރު ގިނަވާނީ ބިދޭސީން މަދުކޮށްގެން. މިކަމަށް ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވޭ،" ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވި އެވެ.

ބިދޭސީންގެ ވާހަކަތައް އަހަރެންގެ ރިޕޯޓުތަކުގައި ލިޔެވޭލެއް ވަރަށް އިތުރެވެ. ސަބަބުތަކެއް ނެތީއެއް ނޫނެވެ. މިއީ މިއަދު މިގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިފަދަ މައްސަލަތަކަށް ހައްލު ހޯދަން އެންމެން އެކައްޗެއް ކިޔަންޖެހެ އެވެ. ހޮޅި ވާހަކަތަކުގެ ބަދަލުގައި ނަތީޖާ ނެރެވޭ ފަދަ ފިޔަވަޅުތައް އަޅަންޖެހެ އެވެ.

ހަގީގަތް ވަރަށް ސާފެވެ. ރާއްޖޭގެ ގިނަ ދާއިރާތަކަށް ބިދޭސީން ދަނީ އަތްގަދަ ކުރަމުންނެވެ. މިއަދު ދިވެހިން މި ވަނީ މަސައްކަތުގެ ދާއިރާގައި ބިކަވެ ބިދޭސީންގެ މިލްކަކަށް ހަދާފަ އެވެ.