18 May 2014, 04:46
މިދިޔަ އަހަރު ބޭއްވި ޖީސީއީ އޯލެވެލް އިމްތިހާނުން ދިވެހި ހަތަރު ދަރިވަރަކު ދުނިޔެއިން އެއް ވަނަ ހާސިލްކޮށްފިއެވެ.
ޖީސީއީ އޯލެވެލް އިމްތިހާނުގެ ގަދަ ދިހަ އެއް އިއުލާން ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މުޅި ދުނިޔެއިން އެއް ވަނަ ހޯދައިގެން އެވޯޑް ހާސިލްކޮށްފައިވަނީ، އިނގިރޭސިންނާއި ހިސާބުން އެއްވަނަ ހޯދި އަމީނިއްޔާ ސްކޫލްގެ ދަރިވަރު ސ. މަރަދޫ ފޭދޫ، ފެހިފަރުދާގޭ އާމިނަތު އިޒްފާ އާމިރު އާއި ޓްރެވަލް އެންޑް ޓުއަރިޒަމް އިން އެއްވަނަ ހޯދި ޝައިފާ އަބްދުލް ޝުކޫރު އާއި މ. ރެސްޓް ޕޮއިންޓް، ޒީކް އަޝްރަފް އަލީގެ އިތުރުން ހިސާބުން އެއްވަނަ ހޯދި، ށ. މާއުނގޫދޫ ސްކޫލްގެ ދަރިވަރު އެރަށު ގަދަގޭ، އަހްމަދު ރިޝްވާނެވެ.
ދުނިޔޭގެ އެއްވަނަ ހާސިލްކުރި ދަރިވަރުންނަށް ރޭގެ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އެއް ވަނައިގެ އިތުރުން އެކި މާއްދާތަކުން ދުނިޔެއިން އެކި ވަނަތައް ހާސިލްކުރި ދިވެހި 22 ދަރިވަރަކަވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ. ދުނިޔޭގެ އެކި ވަނަތައް ދިވެހި ދަރިވަރުން އެންމެ ގިނައިން ހޯދި މާއްދާތަކަކީ އިނގިރޭސި އާއި އާޓްސް އަދި ޓްރެވަލް އެންޑް ޓުއަރިޒަމް އެވެ.
އެގޮތުން އިނގިރޭސި މާއްދާއިން އެކި ވަނަތައް ދިވެހި ފަސް ދަރިވަރަކު ހޯދާފައިވާއިރު، އެކައުންޓްސް އާއި ޓްރެވަލް އެންޑް ޓުއަރިޒަމް އިން ވަނީ ހަތަރު ދަރިވަރަކު ދުނިޔޭގެ އެކިވަނަތައް ހާސިލްކޮށްފަ އެވެ. މީގެ އިތުރުންވެސް، އެކައުންޓުން ތިން ދަރިވަރަކާއި ކެމިސްޓްރީ އިން ދެ ދަރިވަރެއްގެ އިތުރުން، އިކޮނޮމިކްސް، ބަޔޮލޮޖީ، ބިޒްނަސް ސްޓަޑީޒް، އަދި ކޮމާސް އިން ކުރެ ކޮންމެ މާއްދާއަކުން އެއް ދަރިވަރަކު ވަނީ ދުނިޔޭގެ ވަނަ އެއް ހޯދާފައެވެ.
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު 478 ދަރިވަރަކަށްވެސް ވަނީ ރޭގެ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްފަ އެވެ. ގަދަ ދިހައެއްގެ އެއްވަނައިގައި ޖުމްލަ 40 ދަރިވަރަކު ހިމެނިފައިވެއެވެ.
އޯލެވެލް އިމްތިހާނުން 2012 ވަނަ އަހަރު ގަދަ ދިހައެއްގައި ހިމެނިފައިވަނީ، 426 ދަރިވަރުންނެވެ.
މިދިޔަ އަހަރު ހައި އެޗީވާސް އެވޯޑް ލިބިފައި ވަނީ ނުވަ ދަރިވަރަކަށެވެ. އަދި މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ޖަމާލުއްދީން ސްކޫލުން ކިޔަވައިދެމުންދާ އަޑު އިވުމުން މަހްރޫމްވެފައިވާ އަށް ދަރިވަރަކު ވަނީ އިމްތިހާނުގައި ބައިވެރިވެފައެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ސްކޫލްތަކަށްދޭ އެޗީވްމަންޓް އެވޯޑް ވަނީ 35 ސްކޫލަކަށް ލިބިފަ އެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް އޯލެވެލް އިމްތިހާނުން ކުރިއެރުން ހޯދާ ސްކޫލްތަކަށްދޭ ޕްރޮގްރެސިވް އެވޯޑް ވަނީ ރޭގެ ރަސްމިއްޔާތުގައި 62 ސްކޫލަކަށް ދީފަ އެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގެ 59 ސްކޫލެއް ހިމެނެއެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި، ރާއްޖޭގެ 194 ސްކޫލަކުން 6181 ދަރިވަރަކު ބައިވެރިވެފައިވެފައި ވާއިރު، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 43 ޕަސެންޓެވެ. އަދި އޭގެ ކުރީ އަހަރު އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ނިސްބަތް އުޅެނީ 41 ޕަސެންޓުގައެވެ. އެ އަދަދާ އަޅާ ބަލާއިރު މިދިޔަ އަހަރު ވަނީ އެ އަދަދު ދެ ޕަސެންޓަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ޔޫ ގްރޭޑް ހޯދި ދަރިވަރުންގެ ނިސްބަތް އުޅެނީ 11.8 ޕަސެންޓުގަ އެވެ. އަދި 2012 ވަނަ އަހަރު އެ ނިސްބަތް އުޅެނީ 13 ޕަސެންޓުގަ އެވެ.