ކުރިއަށް އޮތް ތާގައި ރާއްޖެ އާއި އިންޑިޔާއާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ރަޖީވް ޝަހާރޭ މިރޭ ވިދާޅުވެއްޖެ އެވެ.

އިންޑިޔާ އިން ރާއްޖޭގައި ހިންގަމުންދާ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ލައިބްރަރީ އާއި ފޭސްބުކް ޕޭޖް އިފްތިތާހު ކުރުމަށް މިރޭ މއ. ވަވަތީގައި ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގައި ބޭއްވި އިންތިހާބަށް އިޝާރާތްކުރައްވައި، ޝަހާރޭ ވިދާޅުވީ، އިންތިހާބުން ފެނިގެން ދިޔައީ އިންޑިއާގައި ޑިމޮކްރެސީ އޮތް ވަރު ކަމަށެވެ. އަދި ނިމިގެން ދިޔަ އިންތިހާބުގައި އިންޑިއާގެ ރައްޔިތުންގެ އަޑު އުފުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މުޅި ދެކުނު އޭޝިއާގެ ސަހައްދުން ވެސް އެ ޑިމޮކްރަސީ ފެންނަމުންދާ ކަމަށް އިޝާރާތްކުރައްވައި ޝަހާރޭ ވިދާޅުވީ، އެކަމުން ފެނިގެންދަނީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ލައިބްރަރީ އާއި ފޭސްބުކް ޕޭޖް އިފްތިތާހް ކޮށްދެެއްވުމަށް ފަހު، ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ގާތްގުޅުމެއް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތާގައި އިންޑިއާގެ ސަރުކާރާ ގާތްކޮށް މަސައްކަތްކޮށް ގުޅުން އިތުރަށް ބަދަހި ވާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އިންޑިއާގެ ކަލްޗަރަލް ސެންޓަރުން ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހި ކޮށްދީފައިވާތީ އާއި އެ ސެންޓަރުން ދިވެހި މުޖުތަމައުއަށް ކޮށްދެމުންދާ ކަންތައްތަކަށް މިނިސްޓަރު ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.