ރައްޔިތުންގެ މަޖިލީހުން ފާސްކުރި މުސާރައިގެ އޮނިގަޑުގައި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސުގެ ގޮތުގައި ކަޑައަޅާފައިވާ 20،000 ރުފިޔާއަކީ މާލިއްޔަތު ކޮމެޓީން ވަކި ގޮތެއް ނުނިންމަނީސް މެންބަރުން ނަށް ދެވޭނެ އެލަވަންސެއް ނޫން ކަމަށް ރައްޔިތުން މަޖުލީހުގެ ނައިބް ރައީސް އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.


މަޖިލީސް މެންބަރުންގެ އިންޔާތްތައް އިތުރު ކުރުމުން ބަޔަކު މަޖިލީސް ކުރާ ގޭދޮށައް އެއްވެ މުޒާހަރާ ކުރުމާއި ވިދިގެން މާލިއްޔަތު ކޮމެޓީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި  ދިއްގަރު ދާއިރާވެސް ތަމްސީލް ކުރައްވަމުން ނާޒިމް ވިދާޅުވީ މަޖުލީހުގެ ކޮމެޓީން ދިރާސާ ކުރުމަށްފަހު މެންބަރުންނަށް ކޮމެޓީ އެލަވަންސެއް ކަޑައެޅުއްވީ މަޖިލީހުގެ އުފެއްދުންތެރިކަމާއި ނިޒާމް ރަނގަޅު ކުރެއްވުމަށް ކަމަށާއި އެލަވަންސް ދޭނެ ވަކި އޮނިގަޑެއް އަދި ކަޑައަޅާފައި ނުވާކަމަށެވެ.


"މިއީ އިތުރު ކުރުމަށް ފާސްކުރި ފާސްކުރުމެއް ނޫން. ކޮމެޓީން ނިންމާފައި އެއޮތީ ސީލިންއެއް. މާލިއްޔަތު ކޮމެޓީން އަދި ވަކިގޮތެއް އެކަމަށް ނުނިންމާ،" ނާޒިމް ވިދާޅުވި އެވެ.


ރައްޔިތުންގެ މަޖުލީހުން ކުރަމުން އަންނަ މަސައްކަތްތައް ހަލުއިކޮށް ރަނގަޅު ކުރެވެން އަންނަނީ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ރަނގަޅު ކޮށްގެން ކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ މަޖިލީހުން މިފަހަރު ފާސްކުރި މުސާރައިގެ އޮނިގަޑުގައި ބައެއް ފަރާތްތަކުގެ މުސާރައިން އުނިކޮށްފައި ވާނެ ކަމަށާއި އަނެއް ބައިފަރާތްކަށް އިތުރު ވެސް ކޮށްފައިވާނެ ކަމަށެވެ.


“ބައެއް މުސްތަގިއްލު މަގާމުތަކުގައި ތިއްބަވައި ބޭފުޅުންގެ ހުންނާނެ އުނިކޮށްފަ ވެސް. މިސާލަކަށް އިންސުއަރެންސް ޕެކޭޖްތައް ވެސް ހުންނާނީ ލިމިޓް ކުރެވިފައި. އެގޮތުން އަދި އިތުރު ކުރެވިފައި މުސާރަތަކަށް ބަލާއިރު އަނެއް ބައި ބޭފުޅުންގެ އެބަހުރި އިތުރު ކުރެވިފައި. މިސާލަކަށް، ޓެކްސް ޓުރައިބިއުނަލް. މިހުންނަނީ ވަރަށް މުހިންމު މުއައްސަސާތައް،" ނާޒިމް ވިދާޅުވި އެވެ.


ނާޒިމް ވިދާޅުވީ ރައްޔިތުން މަޖިލީސް ކުރާ ގޭދޮށުގައި މިއަދު ކުރި މުޒާހަރާގެ ކަންކަން އިމްތިޔާޒު ކޮމެޓީން ބައްލަވައި އެކަމުގެ ފަހަތުގައި ތިބި ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި މިއީ މަދު ބަޔަކު ސިޔާސީ ބޭނުމެއްގައިކުރި ކަމެއް ކަމެއް ކަމަށެވެ.


"ރައްޔިތުންގެ ހިތުގައި ނުތަނަވަސް ކަން އުފެދިގެނެއް ނޫޅެ. އުޅެނީ މަދުބަޔެއް. އެއީ ސިޔާސީ ބޭނުތަކެއް ހާސިލް ކުރަން އުޅޭބައެއް،" ނާޒިމް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އޮނިގަނޑުގައި 20،000 ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް އެފައިސާ މެންބަރުންނަށް ދޭގޮތަށް ފާސްކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކަމަށް ގޮތެއް ނިންމޭނީ ކޮމިޓީގައި މަޝްވަރާކޮށް މަޖިލީހުން ގޮތެއް ނިމިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދ ޖުޑީޝިއަރީގެ މުސާރަ ބޮޑުވެފައި ވާކަމަށް ދައްކަނީ ކުރިން އެމީހުންގެ މުސާރައަށް ކުރިއެރުންތަކެއް ނުގެނެސް ކުއްލިއަކަށް އެ މުސާރަ ބޮޑު ކުރެއްވުމުން ކަމަށާއި މުސާރައިގެ އޮނިގަޑު މަޖުލީހުގެ ތަޅުމަށް ގެނެސްފައި އެ ވަނީ ފިނޭސް މިނިސްޓްރީ ގެވެސް ލަފަޔާއި އެކު ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.


މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލިސް ކައިރިއަށް އެއްވި މީހުންނަކީ އެމްޑީޕީ މީހުން ކަމަށް ވިޔަސް އެކަމަކީ އެމްޑީޕީން ރާވައިގެންކުރި ކަމެއް ނޫން ކަމަށެވެ. އަދި މެންބަރުންނަށް 20،000ރ. ހިމަނާފައި އެވަނީ، ހުރިހާ މެންބަރުން އެއްބަސް ވެގެން ކަމަށް ވިދާޅުވެ ނަޝީދު ވެސް ވަނީ އެކަން ދިފާއު ކުރައްވައިފަ އެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ މެންބަރު މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމް ވެސް ވިދާޅުވީ އޮނިގަނޑުގައި ހިމަނާފައިވާ އެ މައުލޫމާތު އޮޅުވާލައިގެން ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެކަމަކީ މުސާރައިގެ އޮނިގަޑުން މެންބަރުން ހިމެނޭ ދަރަޖަ ކަނޑައެޅުމަށް ޓަކައި ހިމަނާފައިވާ ފައިސާއެއް ކަމަށާއި، އެފައިސާއިން މެންބަރުންނަށް ދޭނެ އަދަދެއް، ދޭނެ ގޮތެއް،  ދޭނެ އިރެއް އަދި ނިންމާފައިނުވާ ކަމަށެވެ.


މިއަދުގެ އެ ނިއުސްކޮންފަރެންސުގައި ފިނޭސްގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު ސޮއި ކުރައްވާފައިވާ ސީޓީ އެއްގެ ކޮޕީއެއް މަޖުލީހުގެ އިދާރާއިން ނޫސްވެރިންނަށް ބެހި އެވެ. ފިނޭސްސް މިނިސްޓްރީގެ އެ ސީޓީގައި ބުނެފައިވަނީ މުސާރައިގެ އޮނިކަޑު ޖުމްލަގޮތެއްގައި ރަނގަޅު ކަމަށެވެ.