އަންނަ ހޯމަ ދުވަހު މާލެ އާއި އައްޑޫ ސިޓީގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ފަޅިން ވާދަކުރާ ޓީމްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވީހާ ވެސް ތާޒާކަމާ އެކު ސަންގެ ކިއުންތެރިންނާ ހިސާބަށް ގެނެސް ދިނުމަށް ޓަކައި ކުޅިވަރު ޖާނަލިސްޓް އަލީ ރިފްޝާން (ރިއްޕެ) މިރޭ އައްޑު އަށް ފުރައިފި އެވެ.

ރިފްޝާާންގެ އައްޑޫ ދަތުރުގައި މުބާރާތުގެ ގްރޫޕް ބީ ފަޅިން ވާދަކުރާ ޓީމުތަކުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި މުބާރާތާ ގުޅިގެން އައްޑޫގައި ކުރިއަށްދާ އެންމެ ފަހުގެ މައުލޫމާތުތަކުގެ އިތުރުން، މުބާރާތައް އައްޑޫ ތައްޔާރުވެފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ރިފްޝާންގެ ދަތުރުގައި ސަންގެ ކިއުންތެރިނާ ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތަށް އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުރި، ސިޑިބަރި ދެ ފަރާތުން ބޮޑުކޮށް، ސިޑިބަރީގެ ދަށުގައި އެކިއެކި ކަންކަމަށް ބޭނުން ކުރާނެ ރޫމްތައް މިހާރު ވަނީ ހަދައި ނިމިފަ އެވެ. އަދި އައްޑޫ ޒޯން ސްޓޭޑިއަމް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައޮވަނީ މާދަމާރޭގެ ވަގުތެއްގަ އެވެ. އެގޮތުން ދަނޑު މާދަމާ ރޭ ރަސްމީކޮށް ހުޅުވާ ދެއްވުމުގެ ކުލަ ގަދަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް އަދި ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ އިސް ފަރާތަކުން ބައިވެރިވާނެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޗެލެންޖް ކަޕްގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

މުބާރާތުގެ ގްރޫޕް ބީގައި އައްޑޫ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 20 ވަނަ ދުވަހު ހަވީރު 4:00ގައި ބައްދަލުކުރާނީ ތުރުކުމަނިސްތާނާއި ލާއޯސްއެވެ. ދެ ވަނަ މެޗުގައި 20 ވަނަ ދުވަހުގެ ރޭ 9:00 ގައި ބައްދަލުކުރާނީ ޕިލިޕިންސްއާއި އަފްޣާނިސްތާނެވެ.