ސްކޫލްތަކުން ދަރިވަރުން ކިޔެވި އެއްޗެއްގެ ބޭނުން ހިފައިގެން، ގައުމު ރަނގަޅު މަގުން ގެންދިޔުމަށް މަސައްކަތް ކުރުމަށް މިރޭ ވަނަތައް ހާސިލު ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

ސާނަވީ އިމްތިހާނުން އެންމެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ގައުމަށް ހަމަޖެހުމެއް އަތުވެއްޖެ ނަމަ ވެސް އަދި ހަލާކުވަންޔާ ވެސް އެކަމުގެ ހިއްސާ ވާން ޖެހޭނީ ސްކޫލް ނިންމާ ދަރިވަރުން ކަމަށެވެ.

"އަޅުނގަޑު އެދެނީ ކިޔެވި އެއްޗެއްގެ ބޭނުން ހިފައިގެން ދިވެހި ދައުލަތް އަމާޒު ހިފަން ބޭނުންވާ މިސްރާބަށް ދިއުމުގައި އެހީތެރި [ވުމަށް]. މި ދިވެހިރާއްޖެ އަކީ ތިޔަ ހުރިހާ ކުދިންގެ ދިވެހިރާއްޖެ. މިތަނަށް ހަމަޖެހުން އައިސްފިއްޔާ ހަމަޖެހުމުގެ ހުރިހާ ހިއްސާއެއް އޮތީ ތިޔަ ކުދިންނަށް. މިތަން ހަލާކުވަންޔާ އެ ހަލާކުވުމުގެ ހިތި ނަތީޖާ ނުވަތަ ހަލާކުވުމުގެ ހިއްސާދާރުންގެ ގޮތުގައި ވާންތިބީ ވެސް ޒުވާނުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ދުނިޔެއިން މަތީ ވަނަތައް ދިވެހި ދަރިވަރުން ހާސިލުކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫން ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދަރިވަރުން ހާސިލުކުރާ ކާމިޔާބީން ދައްކުވައި ދެނީ އެ ދަރިވަރުންގެ ގާބިލު ކަމާއި ޓީޗަރުންގެ އޯގާތެރިކަމާއި ކިޔަވައިދިނުމުގެ ފެންވަރު ކަމަށެވެ.

ރައީސް ވިދާޅުވީ، ސާނަވީ އިމްތިހާނަށް ފަހު ދަރިވަރުން ކުރިމަތިލާނީ އަމިއްލަ އަށް ދަތުރުކުރާ، ހަގީގީ ދުނިޔެއާ ކަމަށެވެ. އަދި އެ ދަތުރުގައި ދިމާވާ ހުރިހާ ކަމަކާ ވެސް ސްކޫލް މާހައުލުގައި ދަސްވި ހުނަރުތަކުގެ ބޭނުން ހިފުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

"ހަގީގީ ދުނިޔެއާ ކުރިމަތިލާ އިރު، މިއަދު ކިޔެވި ހުނަރުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އެދެން،" ރައީސް ވިދާޅުވި އެވެ.

ހަށިގަނޑުގެ ތަރުބއިްޔަތާއި ކުދިންނަށް ބޭނުންވާ ކަންކަން ހާސިލުކުރުމަށް ސްކޫލްތަކުންނާއި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި އެކަންތައްތައް މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެކުލަވާލި މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެ މެނިފެސްޓޯގައި ހުރި ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއްގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި އަވަސް މުސްތަގްބަލެއްގެ ތެރޭގައި އަންހެން ކުދިންނަށް ހާއްސަކޮށްގެން ހެލްތު ސްކްރީނިންގެ މަސައްކަތްތައް އަތޮޅު ތެރެއާއި މާލެ ސްކޫލްތަކުގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.