17 May 2014, 21:36
ވޮޝިންޓަން(މޭ 17) :އެމެރިކާގެ ދުންފަތް ދަނޑުތަކުގައި ކުޑަކުދިން ލައްވައި މަސައްކަތްކުރުވުން ހުއްޓުވުމުގައި އެމެރިކާ ސަރުކާރު ނާކާމިޔާބުވެފައިވާ މައްސަލާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ފާޑުކިޔުންތައް އެމެރިކާއަށް އަމާޒުވެއްޖެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ހިޔުމަން ރައިޓްސް ވޮޗް" އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެމެރިކާގެ ދުންފަތް ދަނޑުތަކުގައި އުމުރުން 12 އަހަރުގެ ކުދިން ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ކުޑަކުދިން ލޭބަރުންގެ ގޮތުގައި ގެންގުޅުން ހުއްޓުވުމުގައި އެމެރިކާ ސަރުކާރާއި ކޮންގްރެސް އާއި ދުންފަތް އުފައްދާ ކުންފުނިތައް ނާކާމިޔާބުވެފައިވާ ކަމުގަ އެވެ. އެމެރިކާގެ ދުންފަތްދަނޑުތަކުގެ ތެރެއިން ކުޑަކުދިން ލޭބަރުންގެ ގޮތުގައި އެންމެ ގިނައިން ގެންގުޅޭ ކަމަށް ވަނީ ނޯތް ކެރޮލައިނާގެ ދުންފަތް ދަނޑުތަކުގަ އެވެ.
އެދުންފަތް ދަނޑުތަކުގައި މަސައްކަތްކުރާ ކުޑަކުދިންނަކީ އެމެރިކާގެ ފަގީރު އާއިލާތަކަށް ނިސްބަތްވާ ކުދިން ކަމަށާ އެކުދިން އެދަނޑުތަކުގައި މަސައްކަތް ކުރަނީ އެކުދިންގެ އާއިލާތަކަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ މައިންބަފައިންގެ ރުހުމާއެކުގައި ކަމަށްވެ އެވެ. މިފަދަ ކުދިންނަކީ ސްކޫލްތަކަށް ކިޔަވަންދާ ކުދިންކަމަށްވާ އިރު އެކުދިން ދުންފަތް ދަނޑުތަކުގައި މަސައްކަތްކުރާ ކަމަށް ވަނީ ސްކޫލް ގަޑީގެ އިތުރުން ހުސްވަގުތުތަކުގައި މަސައްކަތްކޮށްގެން އާއިލާއަށް ފައިސާ ހޯދުމުގެ ބޭނުމުގަ އެވެ. މީގެ ތެރެއިން ބައެއް ކުދިން ގަދަ ފިނީގައި އެވްރެޖްކޮށް ހަފްތާއަކު 72 ގަޑިއިރު މަސައްކަތްކުރާ އިރު އެކުދިންނަށް ހަފްތާއަކު 600 ޑޮލަރު ލިބޭކަމަށް "ހިޔުމަން ރައިޓްސް ވޮޗް" އިން ނެރުނު ރިޕޯޓެއް ބުނެ އެވެ.
މިރިޕޯޓް ބުނާގޮތުން ލޭބަރުންގެ ގޮތުގައި ދުންފަތް ދަނޑުތަކުގައި މަސައްކަތްކުރާ އެމެރިކާގެ ކުޑަކުދިންގެ ސިއްހަތަށް ގެއްލުން ހުރި މިންވަރަށް ދަނީ ދުންފަތަށް ޖަހާ ވިހަ ކެމިކަލްތަކާއި ނިކޮޓިންގެ އަސަރު ކުރަމުންނެވެ. ކުޑަކުދިންލައްވައި ދުންފަތް ދަނޑުތަކުގައި މަސައްކަތްކުރުވާ ކުންފުނިތަކުން އެކުދިންނަށް ކެމިކަލްތަކުންނާއި ވިހަ މާއްދާ އެއްކަމަށްވާ ނިކޮޓިންއިން ރައްކާތެރިވާނެ ހެދުމާއި މޫނުމަތި ފަދަ ތަކެތި ވެސް ނުދީ މަސައްކަތްކުރުވާ ކަމަށާއި ކެމިކަލްތަކުގެ ސަބަބުން މޫނާއި ގައިގެ ހަންގަނޑު ފިހުންފަދަ ބޮޑެތި ގެއްލުންތައް ވެސް އެކުދިންނަށް ލިބެމުންދާއިރު އެކުދިންގެ އެތެރެހައްޓަށް ނިކޮޓިންއާއި ކެމިކަލްގެ އަސަރު ކުރާމިންވަރާމެދު އެއްވެސް ފަރާތަކުން އަޅާނުލާކަމަށް މިރިޕޯޓް ބުނެ އެވެ.
އެމެރިކާއަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރާ މުޢާހަދާގައި ސޮއިކޮށްފައިނުވާ އަދި އެކަމަށް އެކިއެކި ބަހަނާތައް ދައްކާ ގައުމެކެވެ. މިހާތަނަށް ވެސް މިމުއާހަދާގައި އެމެރިކާ ސޮއިކޮށްފައި ނުވުމުގެ ސަބަބުންނާއި ޕާޓްޓައިމްގައި އާމްދަނީ ހޯދުމަށް ސްކޫލް ކުދިންގެ އާއިލާތަކުން ރުހިގަބޫލުވެގެން ކުޑަކުދިންލައްވައި ކުރާ މިފަދަ މަސައްކަތްތައް ހުއްޓުވޭނެ ގާނޫނެއް އެމެރިކާގައި ނެތުމުން ދުންފަތް ދަނޑުތަކުގައި އެމެރިކާގެ ކުޑަކުދިންލައްވައި މަސައްކަތް ކުރުވުމަކީ އެމެރިކާގެ ގާނޫނާ ޚިލާފު ކަމެއްނޫން ކަމަށް ހިޔުމަން ރައިޓްސް ވޮޗްގެ ރީސާޗަރެއް ކަމަށްވާ މާގްރެޓް ވޯތް ވިދާޅުވި އެވެ.
ސްކޫލްތަކުގައި ކިޔަވާކުދިން އިތުރު އާމްދަނީ ހޯދުމަށް ޓަކައި ޕާޓްޓައިމްގައި މަސައްކަތްކުރުމަކީ ހުއްދަ ކަމެއް ކަމަށް އެމެރިކާގެ ކަމާ ބެހޭ ގާނޫނުތައް ބުނާކަމަށާއި މިގޮތަށް ކުޑަކުދިން ލައްވައި މަސައްކަތް ކުރުމަށް އެމެރިކާގެ ގާނޫނުތަކުގައި ދުވާލަކު ވަކި އަދަދަކަށް ގަޑި ކަނޑައަޅާފައި ނުވާ ކަމަށް ވެސް މާގްރެޓް ވިދާޅުވި އެވެ. މާގްރެޓް ވިދާޅުވީ މިގޮތަށް އެމެރިކާގެ ގާނޫނުތައް އޮތުމުން ކުޑަކުދިން އެކްސްޕޮލައިޓްކޮށް އެކުދިންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާނެގުމުގެ ފުރުސަތު އެކުދިންގެ އާއިލާތަކަށާއި އެމެރިކާގެ ދުންފަތުގެ ކުންފުނިތަކަށް ލިބޭކަމުގަ އެވެ.
އެހެންކަމުން އެމެރިކާގެ މިޙާލަތަކީ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންގެ މުއާހަދާތަކާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާ މުޅިން ޚިލާފު ހާލަތެއް ކަމަށާ އިންޑިޔާއާއި ބްރަޒީލްފަދަ ގައުމުތަކުގައިވެސް 18 އަހަރު ނުފުރޭ ކުޑަކުދިން ލައްވައި ދުންފަތް ދަނޑުތަކުގައި މަސައްކަތްކުރުން ގާނޫނީ ގޮތުން މަނާކަމަށް އޭނާ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)