17 May 2014, 21:08
ސްޕެއިންގެ ބާސެލޯނާގެ ކެޕްޓަން ކާލްސް ޕުޔޯލް އެ ކްލަބް ދޫކޮށްލައިފި އެވެ.
ބާސެލޯނާގެ ޔޫތު ޓީމާ 1995 ވަނަ އަހަރު ގުޅުނު ފަހުން އެހެން ކްލަބަކަށް ކުޅެފައިނުވާ އުމުރުން 36 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ޕުޔޯލް ވަނީ އޭނާއަށް ކުރިމަތިވަމުންދާ އަނިޔާގެ މައްސަލަތަކާއި ހުރެ، މި ސީޒަން ނިމުމުން ސްޕެއިންގެ ބާސެލޯނާ ދޫކޮށްލާނެ ކަމަށް ކުރިން ބުނެފައި އެވެ.
ބާސާއަށް 15 އަހަރު ކުޅެދީފައިވާ ޕުޔޯލް ބާސެލޯނާގެ އޮޑިޓޯރިއަމްގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބުނެފައިވަނީ އެ ކްލަބް ދޫކޮށްލުމަށް، އޭނާއަށް މަޖުބޫރުވީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށެވެ.
"އަނިޔާތަކުން އަރައިގަތުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިން. އަދި އެކަމަށް އަލި މަގެއް ފެނިފައި ނުވި ނަމަވެސް، އުއްމީދު ކަނޑައެއް ނުލާނަން. އަދި ކުޅެން ނުޖެހުމުން އެކަމަކަށް ޕްރެޝަރެއް ނެތް،" ބާސާގެ ކުރީގެ އަދި މިހާރުގެ ކުޅުންތެރިންނާއި ކޯޗުންނާއި ރައީސުންގެ އިތުރުން ޕުޔޯލްގެ އާއިލާގެ މީހުން ބައިވެރިވި އެ ރަސްމިއްޔާތުގައި ޕުޔޯލް ބުންޏެވެ.
ބާސާގެ ކެޕްޓަންކަން 2004 ވަނަ އަހަރުން ފެށިގެން ކުރަމުން އައި ޕުޔޯލް ބުނީ، ބާސާއަށް ކުޅެން ގިނަ ކާމިޔާބީތަކެއް ލިބުނު ނަމަވެސް، އެ ކްލަބުގައި ހުރެގެން ލިބުނު އެންމެ މުހިއްމު އެއްޗަކީ ކްލަބުން ލިބޭ ހިތްހަމަޖެހުން ކަމަށެވެ.
"އަހަރެން ބާސާއަށް އައި ކުޑަ ކުއްޖެއްގެ ގޮތުގައި. އަދި އަހަރެން މިދަނީ އަހަރެން ފަހުރުވެރިވާ އާއިލާއެއް ދޫކޮށްފަ،" ޕުޔޯލް ބުންޏެވެ.
ގޯލް ކީޕަރެއްގެ ގޮތުގައި ފުޓްބޯޅައިގެ މައިދާނަށް ނުކުތް ފުޔޯލް މިހާތަނަށް ވަނީ ބާސާއަށް 600 އަށް ވުރެ ގިނަ މެޗް ކުޅެދީ 20 އަށްވުރެ ގިނަ ކާމިޔާބީ ހޯދަދީފަ އެވެ. އޭގެ ތެރޭގައި ހަ ފަހަރު ސްޕެއިންގެ ލަ ލީގާ އާއި ތިން ފަހަރު ޔޫއެފްއާ ޗެމްޕިއަން ލީގް ބާސާއަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އޭނާ އަދާކޮށްދީފައިވެ އެވެ.