އޭއެފްސީ ޗެލެންޖް ކަޕް ފުޓް ބޯޅަ މުބާރާތުގައި ގައުމީ ފުޓްބޯޅަ ޓީމް ކުޅޭ އެއްވެސް މެޗެއްގެ ޓިކެޓް އަދި ހުސްނުވާ ކަމަށާއި އަލުން މާދަމާ ޓިކެޓް ވިއްކަން ފަށާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ ޓިކެޓު ވިއްކުން ހުއްޓާލާފައި ނުވާނެ ކަމަށާއި ޓިކެޓުވިއްކުން މިރެއަށް މަޑުޖައްސާލީ ކަމަށެވެ.

"ރާއްޖެ ކުޅޭ އެއްވެސް މެޗެއްގެ ޓިކެޓް އަދި ހުހެއް ނުވެ. މާދަމާވެސް ޓިކެޓް ވިއްކަން ފަށާނެ. މިހާތަނަށް އެންމެ ގިނައިން މީހުން ގަނެފައި ވަނީ ފުރަތަމަ މެޗުގެ ޓިކެޓް. ޓިކެޓު ގަތް މީހުންގެ އަދަދު އަދި މުޅިން ފައިނަލް ނުވެ،" އޮފިޝަލް ވިދާޅުވިއެވެ.

އަންނަ ހޯމަ ދުވަހު ފަށާ މުބާރާތުގައި މާލޭގައި ކުޅޭ ގްރޫޕް އޭ ފަޅީގެ މެޗްތަކުގެ ޓިކެޓް މިއަދު ވިއްކަން ފަށާފައިވާއިރު، ޓިކެޓްތައް ވިއްކަމުން ގެންގޮސްފައި ވަނީ މާލޭގެ ތިން ސަރަހައްދަކުންނެވެ. އެއީ އެސްޓިއޯ ހޯމްއިމްޕްރޫވް މަންޓުންނާއި އެފްއޭއެމް އަދި ގައުމީ ފުޓްބޯޅަ ދަނޑުން ނެވެ.

އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ، މުބާރާތުގައި ރާއްޖެ ކުޅޭ ތިން މެޗުގެ ތެރެއިން މިހާތަނަށް އެންމެ ގިނައިން ވިކިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައި މިޔަންމާއާއި ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް ކަމަށެވެ.

މާދަމާ ޓިކެޓް ވިއްކަން ފަށާ ގަޑިއަކީ މެންދުރު ފަހު 2:00 ގައި ކަމަށާއި ޓިކެޓް ވިއްކާނީ އެސްޓިއޯ ހޯމްއިމްޕްރޫވް މަންޓުންނާއި ގައުމީ ފުޓްބޯޅަ ދަނޑުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ މާދަމާ ވެސް ޓިކެޓު ވިއްކާނީ މިއަދު ވެސް ޓިކެޓު ވިއްކި އަގުތަކުގަައި ކަމަށެވެ.

ޓިކެޓު ގަންނައިރު އެދުވަހެއްގައި ކުޅޭ ދެ މެޗްގެ ޓިކެޓު ގަންނަންޖެހޭނެ ކަމަށާއި އެންމެ މެޗެއްގެ ޓިކެޓު ނުވިއްކާނެ ކަމަށް ވެސް އެފްއޭއެމް އިން ބުންޏެވެ. ޓިކެޓު ވިއްކާ އަގަކީ ކޮންމެ މެޗަކަށް ސިޑިބަރިން 25ރ. އަށް އަދި ގޮނޑިބަރިން 50ރ. އަށެވެ.