17 May 2014, 19:08
ދިވެހި ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުސަތުތަށް ހޯދައިދީ ވަޒީފާތަކަށް ދިވެހީން އަހުލުވެރިކުރުވުމަށް ޓަކައި ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އެންމެންނަކީ ވެސް ވަޒީފާގެ ފުރުސަތުތަށް ބޭނުންވާ ބައެއްކަމަށްވާ އިރު، އެކަންވާން އޮތީ ދިވެހި ރާއްޖެ އިން ބިދޭސީން މަދުކޮށްގެން ކަމަށެވެ. އަދި އެކަމަށް ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަން ކުރުމަށްޓަކައި ކުރެވެން ހުރި ހުރުހާ ކަމެއް ކުރާނެ އިމިގްރޭޝަނުން ކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެންނަކީވެސް ވަޒީފާގެ ފުރުސަތުތަށް ބެނުންވާ ބައެއް. ޒުވާނުންނަށް ވަޒީފާ ލިބޭ މިންވަރު ގިނަވާނީ ބިދޭސީން މަދުކޮށްގެން. މިކަމަށް ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވޭ،" ނާޒިމް ވިދާޅުވި އެވެ.
ބިދޭސީން އުޅުނު ނަމަވެސް ދިވެހިންނަށް އަދާކުރެވިދާނެ ބައެއް ވަޒީފާތަކަށް އަލިއަޅުވާލަމުން ނާޒިމް ވިދާޅުވީ، ޑައިވް ކުރާ ތަންތަނުގައި ވެސް ޑައިވިން އިންސްޓްރަކްޓަރުންނާއި ސަފާރީތަކުގައި އެތަކެތި ދުއްވުމަށް ބިދޭސީން ތިބެން ނުޖެހޭ ކަމަށެވެ.
އެފަދަ ވަޒީފާ ތަކުގައި ތިބެން ޖެހޭނީ ދިވެހީން ކަމަށާއި އިމިގްރޭޝަންގެ ޕޮލިސީތައް އިތުރަށް ވަރުގަދަކޮށް އެފަދަ ވަޒީފާތަކަށް ބިދޭސީން އައުން ހުއްޓުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަށް ހޯދައިދިނުމަށް ވަރަށް އަވަހަށް 50 ކުދިންނަށް ޖާގަލިބޭ ޕަޑީ ސެޓްފިކެޓް ލެވެލްގެ ޑައިވިން ކޯހެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.