ބަންގްލަދޭޝްގެ ފެރީއެއް ފެތި 40 މީހުން މަރުވެއްޖެއެވެ.

މެގްނާ ކޯރުގައި ދަތުރުކުރަނިކޮށް ބުރާސްފަތި ދުވަހު އެ ފެރީ އަޑިއަށް ދިޔައީ ތޫފާނެއްގެ ސަބަބުން ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ ދަ ގާޑިއަން ބުންޏެވެ. އެހާދިސާގައި މަރުވެފައިވާ 40 މީހެއްގެ ހަށުގަނޑު މިހާރު ފެނިފައިވާ ކަމަށާއި މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ބަންގްލަދޭޝްގެ ވޯޓަ ޓްރާންސްޕޯޓް އޮތޯރިޓީގެ ވެރިޔާ ޝަމުސުއް ޟުހާ ކަހަންޑާކަރު ވިދާޅުވެފައި ވަނީ މީހުން ހޯދުމުގެ މަސައްކަތް ހުއްޓައިލީ ފެރީ އައްސޭރިއަށް ގެނެވުމުން ކަމަށެވެ.

ފެރީތަކުން ދަތުރުކުރާ މީހުންގެ ލިސްޓް ނުބަލަހައްޓާތީ އަޑިއަށް ދިޔަ "މިރާޒް 4" ނަމަކަށް ކިޔާ ފެރީން ދަތުކުރި މީހުންގެ ސީދާ އަދަދެއް ނޭނގޭ ކަމަށް ވެސް އޭނާއާ ހަވާލާދީ ނޫހުގައި ވެއެވެ.

ބަންގްލަދޭޝްގައި ފެރީ އަޑިއަށް ދިއުމުގެ ހިތާމަވެރި ހާދިސާތައް ވަރަށް ގިނައިން ހިނގައެވެ. އެގޮތުން 2012 ވަނަ އަހަރު 200 މީހުންނާ އެކު ދަތުރުކުރި ފެރީއެއް އަޑިއަށް ގޮސް 150 މީހުން މަރުވިއެވެ. އަދި 2003 ވަނަ އަހަރު ހިނގި އެފަދަ ހާދިސާއެއްގައި 400 މީހުން މަރުވެފައި ވެއެވެ.