17 May 2014, 17:33
ޅ. ކުރެންދޫ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެއްޗާއި ފައިސާ ހޯދައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކުރެންދޫ ގެއަކުން ވައްކަންކުރި ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން އެގެއިން ވައްކަންކުރިކަމަށް ތަހުގީގައި އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އެއަތޮޅު ނައިފަރު ޕޮލިސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ އެމީހުން ވަގަށްނަގާފައިވާ ބައެއް ތަކެތީގެ ތެރޭގައި ކަރަންޓް މަސައްކަތްކުރަން ބޭނުން ކުރާ އާލާތްތަކާއި މަސްބާނާ ދޮށްޓާއި ދޮށީގެ ރީލްއާއި މަސްބޭނުމަށް ބޭނުންކުރާ އިތުރު ބައެއް ތަކެއްޗާއި ކޮމްޕިއުޓަރުގެ ބައެއް ސާމާނާއި ބައެއް އިލެކްޓްރޯނިކް ސާމާނާއި ތަފާތު ގައުމުތަކުގެ ފައިސާ ހިމެނޭ ކަމަށެވެ.
ވަގަށްނެގި ތަކެތި ހޯދާފައި ވަނީ ކުރެންދޫގެ ތަފާތު ފަސް ސަރަހައްދަކުންނާއި ފަޅުގެއަކާއި އެހެލާފައިވާ ދޯންޏެއްގައި ރައްކާކޮށްފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 19 އަހަރުގެ އެކަކީ ވައްކަމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.