ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްގެންދާ ތިން ވަނަ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ، މުބާރާތުން ކަޓައިފި އެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު ވަނަ މެޗުން މިއަދު ބަލިވީ އިންޑިއާ އާއި ވާދަކޮށް 109 ޕޮއިންޓް 32 ޕޮއިންޓުންނެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗުން ބަލިވެފައި ވަނީ ސްރީލަންކާ އަތުން 92 ޕޮއިންޓް 75 ޕޮއިންޓުންނެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެފައި ވަނީ 108 ޕޮއިންޓް 89 ޕޮއިންޓުންނެވެ. އަދި ދެ ވަނަ މެޗުން ރާއްޖެ ބަލިވެފައި ވަނީ ބަނގުލަދޭޝްއާ ވާދަކޮށް ދެ ޕޮއިންޓުގެ ތަފާތުންނެވެ. އެއީ 76 ޕޮއިންޓް 74 ޕޮއިންޓުންނެވެ.

މުބާރާތުގައި ވާދަކުރުމަށް ނޭޕާލަށް ދިޔަ ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އިލްޔާސް އިބްރާހިމް އެވެ. އިލްޔާސްގެ އިތުރުން ރާއްޖެ ޓީމުގައި ހިމެނެނީ އަލީ ފަޒްލީ އާއި މުހައްމަދު ޒިލާލް އާއި އަހްމަދު ޒަބީރު އާއި އަހުމަދު ފިރާޝް އާއި އިބްރާހިމް ރަޝްވާން އާއި ޒަކަރިއްޔާ ލަތީފް އާއި އަފްޝަން ރަޝާދު އާއި ހުސެއިން ހަލީމް އާއި އައިމަން ރަޝާދު އާއި އަހުމަދު އައުޝަން އަދި ހުސައިން ހަލީމެވެ.

ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލާއި އިންޑިއާ އާއި ސްރީ ލަންކާ އަދި ބަނގްލަދޭޝް އެވެ.