އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ތުރުކުމަނިސްތާންގެ ގައުމީ ޓީމާއި ކިރްގިސްތާންގެ ގައުމީ ޓީމް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މުބާރާތުގައި ތުރުކުމަނިސްތާން ވާދަކުރަނީ ގްރޫޕް ބީ ފަޅިންނެވެ. އަދި ކިރްގިސްތާން ވާދަކުރަނީ ގްރޫޕް އޭފަޅިންނެވެ.

ތުރުކުމަނިސްތާންގެ ގައުމީ ޓީމާއި ކިޒްކިސްތާންގެ ގައުމީ ޓީމް މިއަދު ރާއްޖެ އައުމުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބި ދިވެހި ނޫސްވެރިން ސުވާލު ކުރުމުން ވެސް، މީޑިއާ އަށް އެއް ވެސް ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށް އެ ދެ ގައުމުގެ ކޯޗުން ވެސް ވަނީ ބުނެފަ އެވެ.

މުބާރާތުގައި ތުރުކުމިނިސްތާނު ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ހަވީރު 4:00ގައި ނުކުންނާނީ ލާއޮސްއާ ދެކޮޅަށެވެ. މެޗް ކުޅޭނީ އައްޑޫ ޒޯން ސްޓޭޑިއަމްގަ އެވެ. އަދި މުބާރާތުގައި ކިރްގިސްތާން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ހަވީރު 4:00 ގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

ފީފާ ރޭންކިންގައި ރާއްޖެ އަށް ވުރެ ހަ ދަރަޖަ ކުރީގައި އޮތް ކިރްގިސްތާން ޗެލެންޖު ކަޕަށް ކޮލިފައިވެފައި ވަނީ 2006 އެވެ. މިފަހަރަކީ ކިރްގިސްތާން މި މުބާރާތުގައި ވާދަ ކުރާ ތިން ވަނަ ފަހަރެވެ. ގިރްގިސްތާން މިފަހަރު މުބާރާތަށް ކޮލިފައިވެފައި ވަނީ، ކޮލިފައިން ގްރޫޕް ބީގައި ޕާކިސްތާނާއި މަކާއޯއާއި އަދި ތަޖިކިސްތާނާ ވާދަކޮށް ކޮންމެ މެޗެއްގައި ވެސް އެއް ގޯލުގެ ލީޑެއް ހޯދައިގެންނެވެ. އެ ތިން ގައުމާ އެކު ކުޅެ ކޮންމެ މެޗެއް ވެސް ކިޒްކިސްތާން ނިންމައިލީ 0-1 ލަނޑުންނެވެ.

މި ފަހަރުގެ މުބާރާތަށް ބަލާ އިރު، މުބާރާތުގެ ތަށްޓަށް ވާދަކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި ކިރްގިސްތާނު ޓީމު ހިމެނެ އެވެ.

މިފަހަރު ޗެލެންޖު ކަޕަށް ތުރުކްމެނިސްތާން ކޮލިފައި ވެފައި ވަނީ ކޮލިފިކޭޝަން ގްރޫޕްތަކުގެ ތެރެއިން ގްރޫޕް އީގެ ދެ ވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމަށް ވުމުންނެވެ. ކޮލިފައިންގައި ތުރުކްމެނިސްތާން ވަނީ ކެމްބޯޑިއާ ކޮޅަށް ހަތް ގޯލު ޖަހައި މެޗު ކާމިޔާބުކޮށް ފިލިޕީސް އަތުން 1-0 އިން ބަލިވެފަ އެވެ. މިހާތަނަށް މި މުބާރާތުގެ ތާރީހުގައި ތުރުކްމެނިސްތާން 13 މެޗު ކުޅެ، ހަތް މެޗުން މޮޅުވެ، ހަތަރު މެޗު އެއްވަރުވެ، ދެ މެޗުން ބަލިވެ، 21 ގޯލް ޖަހައި އަށް ގޯލް އެ ޓީމު ކޮޅަށް ވަދެފައިވެ އެވެ.

ދެ ހާސް ހަތަރު ވަނަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ކަޕުގައި އެއް މެޗުން އެއްވަރުވެ، ދެ މެޗުން ބަލިވެ، މުބާރާތުގެ ފުރަތަމަ ބުރުން ތުރުކްމެނިސްތާން ވަނީ އަލްވަދާއު ކިޔާފަ އެވެ.