އޭއެފްސީ ޗެލެންޖު ކަޕުގައި ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓުތަކަށް ޑިމާންޑުބޮޑުވެ، ނުއަގުގައި"ބްލެކް މާކެޓު"ގައި ޓިކެޓު ވިއްކުމުގެ މައްސަލަ ބޮޑުވެފައިވާތީ އެކަން ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ދަނޑަށް ވަންނަން ބޭނުންވެފައި ތިބި އެތައް ބަޔަކަށް ހެޔޮ އަގުގައި ޓިކެޓް ނުލިބި، ހުސްވެދާނެތީ ބްލެކް މާކެޓަށް ޓިކެޓް ދޫވިޔަ ނުދިނުމަށްޓަކައި އެފްއޭއެމުން ޓިކެޓް ވިއްކަމުންދަނީ ކޮންޓްރޯލްކޮށްގެންނެވެ. އެގޮތުން ގޮނޑިބަރިން ކޮންމެ މީހަކަށް ޓިކެޓެއް ވިއްކާއިރު، ސިޑިބަރިން މީހަކަށް ވިއްކަނީ ފަސް ޓިކެޓެވެ.

ދިގު ކިޔޫތަކާއެކު ޗެލެންޖު ކަޕުގެ ޓިކެޓް ގަންނަން އެތައް ބަޔަކު ކިއޫގައި ތިއްބައި މިހާރު ވެސް ވަނީ ބްލެކް މާކެޓުގައި ޓިކެޓް ވިއްކަން ފަށާފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގެ އެކި ގްރޫޕްތަކުގައި ނުއަގުގައި ޓިކެޓްތައް ވިއްކަން ވަނީ ފަށާފަ އެވެ. ގޮނޑި ބަރީގެ ޓިކެޓެއް 1000 ރުފިޔާއަށް އެޅޭއިރު ސިޑި ބަރީގެ ޓިކެޓް 500 ރުފިޔާއަށް ވެސް ބެލެކް މާކެޓުގައި ދަނީ ވިއްކަމުންނެވެ.

ސުޕްރިޑެންޓެންޑު އޮފް ޕޮލިސް އަހުމަދު އިޒްހާން މިއަދު "ސަން"އަށް ވިދާޅުވީ ބްލެކް މާކެޓުގައި ޓިކެޓް ވިއްކުން ހުއްޓުވުމަށް ފުލުހުން މިއަދު މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ބޮޑު އަގުގައި ޓިކެޓް ވިއްކާ ފަރާތްތައް މޮނީޓާ ކުރަމުންދާ ކަމަށާއި އެފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ.

މެއި 17، 2014: އޭއެފްސީ ޗެލެންޖް ކަޕްގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުތަކުގެ ޓިކެޓް ވިއްކަންފެށުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިއަދު ޓިކެޓް ވިއްކަން ފެށުމާއެކު އެމާކެޓް އެ ހުޅުވުނީ. އާންމުކޮށް އަގު ބޮޑުކޮށް ޓިކެޓް މި ވިއްކަނީ ރާއްޖެ ކުޅޭ މެޗުތަކުގެ. އަޅުގަނޑުމެން މިހާރު ވެސް ބަލަމުން މިދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބޮޑު އަގުގައި ޓިކެޓް ވިއްކަނީ ކޮންބައެއްތޯ. އެކަން ކުރާ ފަރާތްތައް މޮނީޓާ ކުރަމުން މިދަނީ،" ސުޕްރިޑެންޓެންޑު އޮފް ޕޮލިސް އަހުމަދު އިޒްހާން ވިދާޅުވި އެވެ.

ޓިކެޓުގެ ބްލެކް މާކެޓް އެންމެ ބޮޑަށް ފުޅާވެގެންދަނީ މެޗު ކުޅޭ ދުވަހު އެވެ. ރާއްޖޭގައި ކުރިން ބޭއްވި އެފަދަ ބޮޑު މުބާރާތްތަކުގައި އެ ވިޔަފާރިކޮށް އުޅުނީ އެގޮތަށެވެ. ސާފު ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓް އެފްއޭއެމުން ވިއްކައި ހުސްވުމާއެކު ބޮޑު އަގުގައި ޓިކެޓު ވިއްކަން މީހުން ނުކުތީ މަގުމައްޗަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގެ ހުންނަ ސަރަހައްދުގެ ކަންކަން މައްޗަށެވެ.
މެއި 17، 2014: އޭއެފްސީ ޗެލެންޖް ކަޕްގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުތަކުގެ ޓިކެޓް ވިއްކަންފެށުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އިޒްހާން ވިދާޅުވި ގޮތުގައި މިފަހަރު ގަލޮޅު ދަނޑު ބޭރުގައި ވެސް އެ ވިޔަފާރި ނުކުރެވޭނެ ކަމަށާއި މެޗު ކުޅޭ ދުވަހު ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ގައުމީ ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދު މޮނީޓާ ކުރަމުންދާނެ އެވެ.

ބްލެކް މާކެޓުން ބޮޑު އަގުގައި ޓިކެޓް ނުގަތުމަށާއި އެފަދަ ޓިކެޓެއް ގަނެގެން ދަނޑަށް ނުވަދެވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށް އިޒުހާން ވިދާޅުވި އެވެ. އަދި ބްލެކް މާކެޓުގައި ޓިކެޓުގެ ވިޔަފާރި ކުރާ ފަރާތްތަކާ ދޭތެރޭ ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅާނެކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑާއި، އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުގެ އިތުރުން ލައިފްބޯއީ ޓާފް ދަނޑުން މިއަދު ހެނދުނު 10:00 ޖެހުމާއެކު ޓިކެޓް ވިއްކަން ފެށުމާއެކު އެތައް ބަޔަކު އެއްވެ، ގިނަ ކިއުތަކެއް ވަނީ ހަދާފަ އެވެ. ސިޑި ބަރިން 25ރ. އަދި ގޮނޑިބަރިން 50ރ. ޓިކެޓެއް ވިއްކަމުން ދާއިރު، ޑިމާންޑު ބޮޑުވުން ވަރަށް އަވަހަށް ޓިކެޓް ވިކި ހުސްވާނެ ކަމަށް އެފްއޭއެމުން ލަފާ ކުރެ އެވެ.
މެއި 17، 2014: އޭއެފްސީ ޗެލެންޖް ކަޕްގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުތަކުގެ ޓިކެޓް ވިއްކަންފެށުން -- ސަން ފޮޓޯ: ފަޔާޒު މޫސާ