ލާއޮސްގެ ޑިފެންސް މިނިސްޓަރު ޑައުންޗޭ ޕިޝީތު އާއި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓޮންބާހް ސެންގަފޯން އާއި ސިފައިންގެ އިސް ބައެއް އޮފިސަރުން ދަތުރުކުރި މަތިންދާ ބޯޓެއް ވެއްޓިއްޖެ އެވެ.

ތައިލެންޑްގައި މިހާރު ހުންނެވި ލާއޮސްގެ ޑިފެންސް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީއާ ހަވާލާދީ ބީބީސީ ބުނީ މަތިންދާބޯޓް ވެއްޓުނު ހާދިސާގައި ޑިފެންސް މިނިސްޓަރާއި ސަރުކާރުގެ އިތުރު އިސް ފަސްބޭފުޅަކު އަވަހާރަވެފައިވާ ކަމަށެވެ. މަތިންދާބޯޓް ވެއްޓުކަން ކަށަވަރުކޮށްދިން ނަމަވެސް ދަތުރު ކުރި މީހުންނާއި މަރުވި މީހުންނާ ބެހޭ ގޮތުން ލާއޯސް ސަރުކާރުން އަދި ބަހެއް ނުބުނާ ކަމަށް ވެސް ބީބީސީ ބުންޏެވެ.

ޒިއާންޚޮއާންގައި ބާއްވަން ހަމަޖެހިފައި އޮތް ސިފައިންގެ ހާއްސަ ހަފުލާއަކަށް ވަޑައިގެންނެވުމަށް ޑިފެންސް މިނިސްޓަރާއި އިސް އެހެން ބޭފުޅުންނާއިގެން ދަތުކުރަނިކޮށް ވެއްޓުނީ އޭން އެން 74 ޓީކޭ-300 މަރުކާގެ ބޯޓެކެވެ. ލާއޮސް އެއާފޯސްގެ އެބޯޓް ވެއްޓުނީ ޖައްސަން ދިޔަ އެއާޕޯޓާ ވަރަށް ކައިރިއަށް ކަމަށް ރަޝިއާ ޓްޑޭ ނޫސް އެޖެންސީން ބުންޏެވެ.

ބައެއް އެހެން މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި ވެއްޓުނު ބޯޓުގައި ތިބި 25 މީހުންގެ ތެރެއިން ތިން މީހުން ވަނީ މަރުނުވެ، ސަލާމަތްވެފައެވެ.