އޭއެފްސީ ޗެލެންޖު ކަޕުގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ފަލަސްތީނު ޓީމު ރާއްޖެ އައީ މިއަދުގެ ހެނދުނު އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ފަލަސްތީނު ޓީމު އައުމުން އެ ޓީމަށް މަރުހަބާ ކިއުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޔޫތު މިނިސްޓްރީގެ ބޭފުޅުން ވަޑައިގެން ތިއްބެވި އެވެ. އޭގެ އިތުރުން ފަލަސްތީނު ޓީމަށް މަރުހަބާ ކިއުމުގެ ގޮތުން ހަރުބީ ބޮޑުބެރު ގްރޫޕްގެ ހަރަކާތްތައް ވެސް ކުރިއަށް ދިޔަ އެވެ.

އޭއެފްސީ ކަޕުގައި ފަލަސްތީނު އޮތީ ރާއްޖެ އާއި އެއް ފަޅިއެއްގަ އެވެ. ރާއްޖެ އަށް އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީމަކީ ވެސް ފަލަސްތީނެވެ. ރާއްޖޭގެ އިތުރުން ގްރޫޕް އޭގައި ފަލަސްތީނު ދެން ވާދަކުރަން ޖެހޭނީ ކިރްގިސްތާނު އަދި މިޔަންމާއާ ދެކޮޅަށެވެ.

މި މުބާރާތުގައި ފަލަސްތީނު ކުޅޭ އެންމެ ފުރަތަމަ މެޗަކީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00ގައި ކިރްގިސްތާނާއި ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި އެ މެޗަކީ ޗެލެންޖް ކަޕަށް އަޕްގްރޭޑްކޮށް ގައުމީ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމަށް ފަހު، އެ ދަނޑުގައި ކުޅޭނެ ފުރަތަމަ މެޗެވެ.

ނޭޕާލުގައި 2012 ވަނަ އަހަރު ބޭއްވި ޗެލެންޖު ކަޕުގައި ހަތަރު ވަނައިގައި އޮވެ ނިންމާލި ފަލަސްތީނު، އަ އަހަރު ވެސް ގްރޫޕް ސްޓޭޖުގައި ރާއްޖެއާ ވާދަކޮށްފައިވެ އެވެ. އެ އަހަރުގެ މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން ފަލަސްތީނު މޮޅުވީ 2-0 ލަނޑުންނެވެ.