ލ. ގަމުގަމުގައި 500 އަށް ވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް އުޅެމުންދާ ކަމަށް އެ ރަށު ކައުންސިލް އިން ބުނެފި އެވެ.

ގަމަށް ދިމާވެފައިވާ ތަފާތު އެކި ދަތިތަކާ ބެހޭ ގޮތުން ސަރުކާރާ އެކު މަޝްވަރާކޮށް، އެ މައްސަލަތަކަށް ހައްލު ހޯދުމަށް މިހާރު މާލެ ވަޑައިގެން އުޅުއްވާ އެ ރަށު ކައުންސިލަރުން މިއަދު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުވުމެއްގައި ވިދާޅުވީ ގަމު ވަލުތެރޭގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާ ކަމަށެވެ. އެގޮތުން އެ މީހުން އެ ރަށުގެ ޖަންގަލިތަކުގައި ދިރިއުޅެ އެ ރަށުގެ ދަނޑުވެރިކަން ވެސް އެ މީހުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ވިދާޅުވީ ގަވާއިދާ ހިލާފަށް އެ ރަށުގައި އުޅެމުންދާ ބިދޭސީން އެ ރަށުގައި ދަނޑުވެރިކަންކޮށް އެ ތަކެތި މާލެ ފޮނުވައިގެން ވިއްކަމުންދާ ކަަމަށެވެ. އަދި އެކަން ކުރަނީ މާލޭގައި ދިރިއުޅޭ އެ މީހުންގެ އެޖެންޓުންނާ ގުޅިގެން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"ވަލު ތެރޭގައި އަޅުގަނޑުމެންނަށް ނުފެނި އަމިއްލަ ގެދޮރުގައި ]ބިދޭސީން[ އެބައުޅޭ. އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލައި އެ މީހުން ވަކިން ދަނޑު ހައްދައިގެން އެމީހުންގެ ވަރަށް ބޮޑު ނެޓްވޯކެއް އެބަ އޮވޭ. އެމީހުން ލޯކަލް މީހުންގެ އަތުން އެއްޗެހި ގަނެގެން، މާލޭގައި ތިބޭ އެ މީހުންގެ އޭޖެންޓުނަށް ދީގެން މާލޭގައި އެ ވިޔަފާރި އެބަ ކުރޭ ވަރަށް ފުޅާ ދާއިރާއެއްގައި،"ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޓަކައި ފުލުހުންނާ އެކި ފަހަރުމަތިން މަޝްވަރާކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށް އެ މައްސަލަ އަށް އެއްވެސް ހަލެއް ލިބިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރެވެން އޮތީ އެންމެ ގޮތަކަށް ކަަމަށާއި އެއީ އެ މީހުން އެ މީހުންގެ ގައުމަށް ފޮނުވާލައިގެން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލު ކުރުމަށް ޓަކައި އިމިގްރޭޝަނާ އެކު މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަމަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ސަލާޙް ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓްގެ މައްސަލަ ކަމަށާއި ގިނަ ވަގުތުތަކުގައި ރަށުގައި ކަރަންޓް ނުހުންނަ ކަަމަށެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި ހުރީ "ކިރިޔަކިރިޔާ ހިނގާ ވަރުގެ" އެންމެ ޖަނަރޭޓަރެއް ކަމަށެވެ. ކަރަންޓުގެ މައްސަލައިގެ އިތުރުން، ދިމާވެފައިވާ އެންމެ ބޮޑު އަނެއް މައްސަލަ އަކީ ރަށުގެ ނަރުދަމާ އާއި ބޯފެނުގެ މައްސަލަ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.