ރައްޔިތުންގެ މަޖިލީހުގެ ވާޖިބުތައް އަދާކުރުމަށް ފުރުސަތު ދެއްވުމަށާއި، މަޖިލީހުގެ އިއްޒަތާއި ގަދަރު ހިފެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގޮވައިލައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ދައުލަތުގެ މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑުގައި، ކޮމިޓީގެ އެލަވަންސްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް 20،000 ރުފިޔާ ހިމަނާފައިވާތީ، އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސްގެ ކައިރިއަށް ބަޔަކު އެއްވެ، މެންބަރުން މަޖިލީހަށް ވެދެވަޑައިގެންނެވުމަށް ހުރަސް އަޅުއްވައި، ބައެއް މެންބަރުންގެ ގައިކޮޅަށް އަތްލައި ހުތުރުބަހުން އެއްޗެހި ގޮވި މައްސަލަ ކުށްވެރި ކުރައްވައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެންބަރު ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދު ވިދާޅުވީ، އެއްވި މީހުން ހުރަސް އެޅުމުގެ ސަބަބުން މަޖިލީހަށް ވެދެވަޑައިނުގެން މަޖިލީހުން ބޭރުގައި، އޭނާއަށް މަޑުކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި އެއްވި މީހުން އެހިސާބުން ފޮނުވައި ލުމަށް ސަރުކާރުން މަސައްކަތް ކޮށްފައިނުވާކަން ފާހަގަ ކުރައްވައި ސަރުކާރުގެ އެ މުޑުދާރު އަމަލު ކުށްވެރިކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


" އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ، ކޮން ރައްޔިތެއްބާވައޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަސްއޫލިއްޔަތާއި ވާޖިބަށް ބަލައި އެ މެންބަރަކު ހޮވަން ވޯޓު ދިނީ. އަމިއްލަ ފަރުދީ ވާޖިބާއި މުހުތާދަށް ބަލައިފަ ހޮވާފައި ވަނީ. އަމިއްލަ މިލްކިއްޔާތު ވިއްކާލައިގެން ހޮވުނު އެވެސް މެންބަރަކު ނުހުންނާނެ. ހަމަ އެހެންމެ އެމްޑީޕީ މެންބަރުން ( މަޖިލިސް ކައިރީގައި) އަޑު ގަދަކުރަމުން އެގެންދަނީ. އޭގެ ތެރޭގައި  ސިޔާސީ މަގާމުތަކުގެ ބޭފުޅުން ހިމެނޭ އެ ބޭފުޅުންގެ މުސާރަ ކުޑައެއްނުވޭ. އެބޭފުޅުންނަކީ ޕާޓީގެ އިންތިހާބުތަކުގައި މަސައްކަތްކުރާ ވެސް ބައެއްނޫން. ޕާޓީ ހިފާއްޓަނީ ޕާލަމެންޓްރީ ގްރޫޕުން. އެހެންކަމުން ސަރުކާރަށް ގޮވައިލަން މި މުޑުދާރު އަމަލު ހުއްޓާލާށޭ. އަޅުގަނޑުމެންގެ ގާނޫނީ ވާޖިބަށް ހުރަސް ނާޅާށޭ. ފުލުހުންނަށް ގޮވާލަން ގައިރުގާނޫނީ އެއްވުމެކޭ އެއްވެގެން އެ އުޅެނީ އެމީހުން ރޫޅާލައި ގެއަށް ފޮނުވައިލުމަށް އެދެން."


ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު  ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތާއި އަބުރު ރައްކާތެރި ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މި މަޖިލިސް ދޮށަށް ބަޔަކު އެއްވާނެ ކަމުގެ މައުލޫމާތު ރައީސް ނަޝީދަށް ފޯރުވައިދީފައި ވާއިރު، ހޯމް މިނިސްޓަރު ހަސަން އަފީފު މެދުވެރި ކުރައްވައި މަޖިލިސް މެންބަރުންގެ މަސައްކަތާއި ގާނޫނީ ވާޖިބު އަދާކުރެވޭނެގޮތައް ކަންތައްތައް ރާވައި ދެއްވުމަކީ ރައީސް ނަޝީދުގެ ޒިންމާއެއް ކަމަށް ވިދާޅުވެ އެކަން އެގޮތަށް ކުރެއްވުމަށް ނަޝީދު، ރައީސް ނަޝީދަށް ގޮވައިލެއްވި އެވެ. އަދި ހަސަން ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު މެންބަރުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަފީފަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެކަންތައްތަކަށް މަގުފަހިކޮށް ދިނުމަކީ، އަފީފުގެ ވާޖިބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވީ އެބޭފުޅުންގެ މުސާރަ ކުޑަކުރަން ކަމަށާއި، ނަމަވެސް މުސާރަތައް ކުޑަކުރާނީ، ސިވިލްސާވިސް އާއި ޖުޑިޝަރީގެ މުސާރަ ކުޑަކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުން މުސާރަތައް ކަނޑައަޅާފައިވަނީ އޮނިގަނޑެއްގެ ތެރެއިން ކަމަށާއި ބައެއް ބައިތަކަށް ފައިސާ އިތުރުވެފައިވާއިރު ބައެއް ބައިތަކުން އެ އޮނިގަނޑުގައި ފައިސާ އުނިކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.