17 May 2014, 13:47
މިހާރު އެންމެ އިސްކަމެއް ދީގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ބްރޯޑްބޭންޑް ނުވަތަ ހަލުވި ސްޕީޑްގެ އިންޓާނެޓްގެ ހިދުމަތް އަތޮޅުތަކުގެ ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާ ގުޅުވައިގެން އިންޓާނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) އިން ކަނޑައަޅާފައިވާ ޝިއާރާ ބެހޭގޮތުން މިއަދު ދެއްވި ހިތާބެއްގައި މިނިސްޓަރ ވިދާޅުވީ، ދުވަހުގެ ޝިއާރަކީ ރާއްޖެއާ ވަރަށް ގުޅުންހުރި ޝިއާރެއް ކަމަށާއި އަތޮޅުތަކުގެ ރަށްރަށަށް ހަލުވި އިންޓާނެޓް ފޯރުކޮށްދިނުމަށް އިސްކަމެއްދީގެ މަސައްކަތް ކުރައްވާ ކަމަށެވެ.
އަމީން ވިދާޅުވީ އެ ސިޔާސަތުގެ ދަށުން ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، ގައުމީ ބްރޯޑްބޭންޑް ސިޔާސަތު ފުރިހަމައަށް ތަމްފީޒުކުރެވުމުން ރާއްޖޭގައި ދެވޭ ޓެލެކޮމިއުނިކޭޝަނާއި އިންފޯމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) މެދުވެރިކޮށް ދެވޭ ގިނަ ހިދުމަތްތަށް އޭގެ ސަބަބުން ދުނިޔޭގެ ފެންވަރަށް ފުޅާވެގެން ދާނެކަމަށް ޔަގީން ކުރައްވާކަމަށެވެ.
އައިސީޓީއަކީ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އޮތް ނުހަނު މުހިންމު ވަސީލަތަކަށް ވީނަމަވެސް އެ ހިދުމަތްތަށް ނާތަހުޒީބު ގޮތަކަށް ބޭނުންކުރެވޭ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހުރިހާ ރައްޔިތުން ވެސް މުޖުތަމައުގެ ލާބައާއި ފައިދާއަށް އައިސީޓީ ގެ ވަސީލަތްތައް ބޭނުންކުރެއްވުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވި އެވެ.
ދުވަހުގެ ޝިއާރާ ގުޅުވައިގެން މިނިސްޓަރ އިތުރަށް ވިދާޅުވީ، ދިރިއުޅުމުގެ ފަސޭހަކަމަށާއި އިގްތިސާދީ ކުރިއެރުންތަކަށް ރައްޔިތުން ބޭނުންވާ ހަލުވި ސްޕީޑްގެ އިންޓާނެޓް ހިދުމަތް އެކަށީގެންވާ އަގަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ހިދުމަތްދިނުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުގެ މުގައްދަސް ގައުމީ ޒިންމާއެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޯމޭޝަން ދުވަސް މިއަދު ފާހަގަކުރާއިރު ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައި ވަނީ "ބްރޯޑްބޭންޑް ފޯ ސަސްޓެއިނެބްލް ޑިވެލޮޕްމަންޓް" ނުވަތަ "ދެމެހެއްޓެނިވި ތަރައްގީއަށް ބްރޯޑްބޭންޑް" އެވެ.