17 May 2014, 12:58
ސްޕެނިޝް ލީގުގެ ޗެމްޕިއަން ކަނޑައެޅުމަށް މިރޭ ރާއްޖެ ގަޑިން 9:00ގައި ބާސެލޯނާ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ނުކުންނަ މެޗުގައި އެތްލެޓިކޯގެ ހުނަރުވެރި ފޯޥާޑް ޑިއޭގޯ ކޯސްޓާ ފުރަތަމަ 11 ކުޅުންތެރިންގެ ތެރޭގައި ކުޅޭނެ ކަމަށް އެތްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗް ސިމިއޯނީ ބުނީ، މިރޭގެ މެޗަކީ ވާދަވެރި އަދި އެހާމެ ފޯރިގަދަ މެޗަކަށް ވުމުން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ ކަމުގައިވާ ހުނަރުވެރި ފޯޥާޑް ޑިއޭގޯ ކޯސްޓާ ފުރަތަމަ 11 ކުޅުންތެރިންގެ ތެރޭގައި ކުޅޭން ނިކުންނާނެ ކަމަށެވެ. އަދި މިރޭ މެޗަށް ޑިއޯގޯ ނިކުންނާނީ އޭނާ އަށް ލިބިފައިވާ އަނިޔާ އިން މުޅިގެން ފިޓްވެގެން ކަމަށް ވެސް ކޯޗް ސިމިއޯނީ ބުންޏެވެ.
ލީގުގައި އެންމެ ފަހުން މަލާގާއާ ދެކޮޅަށް އެތުލެޓިކޯ ކުޅެ 1-1 ލަނޑުން އެއްވަރު ވި މެޗުގައި އަނިޔާގެ ސަބަބުން ޑިއޭގޯ ކޯސްޓާ ކުޅެފައި ނުވާތީ ބޭރުގެ މީޑިއާތަކުން ކުރިން ބުނެފައި ވަނީ މިރޭ ބާސާ މެޗުގައި ވެސް އޭނާ ނުކުޅޭނެ ކަމަށެވެ. އެހެން ނަމަވެސް އެތުލެޓިކޯ އިން ނެރުނު ބަޔާނެއްގައި މިއަދު ބުނެފައި ވަނީ އިއްޔެ އޮޓް ޓީމުގެ ފަރިތަކުންތަކުގައި ވެސް ޑިއޭގޭ ބައިވެރިވެ، މޮޅު ކުޅުމެއް ދައްކާފައިިވާ ކަމަށެވެ.
އެތުލެޓިކޯއާ ދެކޮޅަށް ބާސާ މިރޭ ނިކުނަ އިރު، ބާސާ ވަނީ ލީގުގައި ގިރޯނާ އާ ދެކޮޅަށް ކުޅުނު މެޗުން 3-2 ލަނޑުން މޮޅުވެފަ އެވެ.
ލީގުގެ ޗެމްޕިއަން ކަނޑައެޅަން މިރޭ ބާސާ އާއި އެތުލެޓިކޯ މިރޭ ނިކުންނަ އިރު، ލީގުގައި 89 ޕޮއިންޓާ އެކު އެތުލެޓިކޯ އޮތީ އެއް ވަނަ މަގާމް ގަ އެވެ. ބާސާ ދެ ވަނަ މަގާމް ގައި އޮތީ 86 ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗުގައި ބާސާ އަށް މޮޅެއް ހޯދެއް ނޫން އެހެން ގޮތެއް ނެތެވެ.