އޭއެފްސީ ޗެލެންޖް ކަޕްގައި "ގައުމީ ފުޓްބޯޅަ ދަނޑު"ގައި ކުޅޭ މެޗުތަކުގެ ޓިކެޓް ވިއްކަން ފެށިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޓިކެޓް ގަތުމަށް ދިގު ކިއުތަކެއް ހަދައިފި އެވެ.

މިއަދު ހެނދުނު 10:00 ގައި ޓިކެޓް ވިއްކަން ފަށާނީ ގްރޫޕް ސްޓޭޖްގެ މެޗުތަކެވެ. ޓިކެޓް ވިއްކަމުން އަންނަނީ މާލޭގެ ތިން ސަރަހައްދަކުންނެވެ. ރާއްޖެ ކުޅޭ މެޗުގެ ޓިކެޓް ގައުމީ ފުޓްބޯޅަ ދަނޑުން ވިއްކަނީ އެއް ނަމްބަރު ގޭޓުގެ ކައުންޓަރުންނެވެ. އެއީ އޮލިންޕަހާއާ ދިމާލުން ދަނޑުގެ ކަންމަތީގައި ހުންނަ ގޭޓުގެ ކައުންޓެރެވެ.

އެ ހިސާބުގައި ހަދާފައިވާ ކިއު ބަނަފްސާމަގުން ފެށިގެން 100 ފޫޓަށް ދިގުދެމިގެން ގޮސްފައިވެ އެވެ. ދަނޑު ކާރީ ކިޔު ހަދައިގެން ހުރި މީހަކު ބުނީ، ކިއުގައި ކިތަންމެ ގިނައިރު ހުންނަން ޖެހުނަސް އެއް ވެސް ޝަކުވާއެއް ނެތް ކަމަށާއި ޓިކެޓް ގަނެގެން ނޫނީ ގެއަށް ނުދާނަން ކަމަށެވެ.

ޓިކެޓް ވިއްކަމުންދާ އަނެއް ސަރަހައްދަނީ ލައިފް ބޯއީ ޓާފް 1 (އެފްއޭއެމް ހައުސް ކަންމަތި) އާއި ގައުމީ ފުޓްބޯޅަ ދަނޑުންނާއި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުންނެވެ. މިތިން ތަނުގައި ވެސް މިހާރު ވަނީ ޓިކެޓް ގަތުމަށް ދިގު ކިއުތައް ހަދައިފަ އެވެ.

އެފްއޭއެމް އިން ބުނީ، ގޮނޑިބަރީގެ ޓިކެޓް ވިއްކަމުން އަންނަނީ ހަމައެކަނި ލައިފް ބޯއީ ޓާފް އެކަކުންނެވެ. ޓިކެޓް ގަންނައިރު، އެ ދުވަހެއްގައި ކުޅޭ ދެ މެޗުގެ ޓިކެޓް ގަންނަން ޖެހޭއިރު، ޓިކެޓް ވިއްކާ އަގަކީ ކޮންމެ މެޗަކަށް ސިޑިބަރިން 25ރ. އަދި ގޮނޑި ބަރިން 50ރ. އެވެ.

މުބާރަތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައި ބައްދަލުކުރާނީ މިޔަންމާއާ ދެކޮޅަށެވެ.