ސަންޢާ (މޭ 17) : އަލްގާއިދާ ޖަމާއަތާ ދެކޮޅަށް ކުރަމުން ގެންދަނީ އެހެންގޮތެއް ނެތިގެން ކުރަމުންގެންދާ ހުޅުވިފައިވާ ހަނގުރާމައެއް ކަމަށް އެގައުމުގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ވިދާޅުވެއްޖެ އެވެ.

ހާދީ ވިދާޅުވީ ހުޅުވިފައިވާ މިހަނގުރާމައިގާ އަލްގާއިދާގެ ހަނގުރާމަވެރިންގެ އިތުރުން ޔަމަންގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ހުރިހާ ޖަމާއަތްތަކަކާ ދެކޮޅަށް ޔަމަންގެ ސިފައިން ހަމަލާތައް ދެމުންދާނެ ކަމަށާ މިހަނގުރާމައިގާ ކުޑަވެސް ހަމްދަރުދީއެއް ނޯންނާނެ ކަމުގަ އެވެ. މިއީ ޔަމަންގެ ދެކުނުގައި ހަރަކާތްތެރިވަމުންދާ އަލްގާއިދާގެ ހަނގުރާމަވެރިންނާ ދެކޮޅަށް ޔަމަންގެ ލަޝްކަރުތަކުން މީގެ ދެހަފްތާކުރިން ފެށި ހަނގުރާމައާ ގުޅޭ ގޮތުން އެގައުމުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ ދެއްވި ފުރަތަމަ ބަޔާނެވެ.

ހާދީ މިބަޔާން ދެއްވީ ޔަމަންގެ ސިފައިން އަލްގާއިދާއާ ދެކޮޅަށް މިހާރު ކުރަމުންގެންދާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށްފަހުގަ އެވެ. މިބަޔާނުގައި ޔަމަންގެ ރައީސް ވިދާޅުވީ އަލްގާއިދާއާ ދެކޮޅަށް ޔަމަން ސިފައިން ފަށާފައިވާ ހަނގުރާމައިގާ އަލްގާއިދާއާއި އެނޫން ވެސް ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ ކޮންމެ މީހަކު ޔަމަންގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް އެމީހަކަށް ހަމަލާދީ އެމީހުންގެ ނުރައްކާތަކުން ޔަމަންގެ ރައްޔިތުން ސަލާމަތްކުރާނެ ކަމުގަ އެވެ.

އަލްގާއިދާއާ ދެކޮޅަށް ޔަމަނުން ހުޅުވިފައިވާ ހަނގުރާމައެއް ފަށާފައި މި ވަނީ އެޖަމާއަތުގެ ހަނގުރާމަވެރިންގެ ވަކިވަކިން ހަމަލާދީ ޔަމަންގެ އެކިފެންވަރުގެ މަސްއޫލުވެރިން އަވަހާރަކޮށްލަމުން ގެންދާތާ ދެއަހަރެއްހާ ދުވަސްވެފައިވާ އިރު މިކަމަށް ދެން އިތުރަށް ކެތްކުރެވެންނެތިގެން ކަމަށް ޔަމަންގެ މަސްއޫލުވެރިން ވިދާޅުވެ އެވެ. އަލްގާއިދާއާ ދެކޮޅަށް ޔަމަނުން ފަށާފައިވާ މިހަނގުރާމައަކީ އެގައުމުގެ ހުރިހާ ކަންކޮޅުތަކަކަށް ވާސިލްވާ ޝާމިލް ހަނގުރާމައެއް ނަމަވެސް މިހަނގުރާމައިގާ ޔަމަން ސިފައިން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަމުންދަނީ އެގައުމުގެ ދެކުނުގެ ޕްރޮވިންސްތައް ކަމަށްވާ އަބީން، މައުރަބް، ޝިބްވާ، އަލްބައިޟާ މިހަތަރު ސަރަހައްދުގަ އެވެ.

ޔަމަނުގައި ފައިހަރުކޮށްލާފައިވާ އަލްގާއިދާގެ ހަނގުރާމަވެރިންނާއި ޔަމަން ސިފައިންނާ ދެމެދު މިދިޔަ އަންގާރަ ދުވަހު ބަދަލުކުރެވުނު ހަމަލާތަކެއްގައި އަލްގާއިދާގެ 30 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ޔަމަންގެ ސިފައިން ބުނެފައިވެ އެވެ. ސިފައިންގެ ކޮމާންޑަރަކު ވިދާޅުވެފައި ވަނީ އަންގާރަ ދުވަހުގެ ހަމަލާތައް ފެށުނީ ޔަމަންގެ ދެކުނުގެ ޝިބްވާ ގަވަނޭޓްގައިވާ ސިފައިންގެ މަރުކަޒުތަކަށް އަލްގާއިދާގެ ހަނގުރާމަވެރިން ދިން ކުއްލި ހަމަލާތަކާ ގުޅިގެން ކަމަށްވެ އެވެ.

އަލްގާއިދާގެ މިކުއްލި ޙަމަލާތަކުގައި ޔަމަން ސިފައިންގެ އަށް މީހުން މަރުވެފައިވާ އިރު މީގެތެރޭގައި ސިފައިންގެ އިސް އޮފްސަރަކު ވެސް ހިމެނެއެވެ. ޔަމަންގެ ވެރިރަށް ސަންޢާގައި ހުންނަ ރިޔާސީ ގަނޑުވަރުގެ ކައިރީގައި މިދިޔަ ހުކުރުދުވަހު ޔަމަން ސިފައިންނާއި އަލްގާއިދާއަށް ނިސްބަތްވާ ކަމަށް ބެލެވޭ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވު ޙަމަލާތަކެއްގައި ޔަމަން ސިފައިންގެ ހަތަރު މީހުން މަރުވެފައިވެ އެވެ. އަދި ޔަމަންގެ ކަނޑުގެ އައްސޭރި ފަށުގެ ރަށެއްކަމަށްވާ މިކްލާ ގައިވާ ޢަސްކަރީ ފުލުހުންގެ މަރުކަޒަކަށް މީހަކު އަމިއްލަ އަށް މަރުވެގެން މިދިޔަ ހުކުރު ދުވަހު ދިން ކާރުބޮމުގެ ޙަމަލާއެއްގައި ޔަމަން ސިފައިންގެ އިތުރު 10 މީހަކު މަރުވެފައިވެ އެވެ.

ޔަމަންގައި ހަރަކާތްތެރިވާ އަލްގާއިދާ އަށް ނިސްބަތްވާ ހަނގުރާމަވެރިންނަކީ ޔަމަންގެ ރައްޔިތުންނެވެ. އެމީހުންގެ ބޭނުމަކީ އަލްގާއިދާގެ ފިކުރުގެ ދައުލަތެއް ޔަމަންގައި ގާއިމްކުރުން ކަމަށް އަލްގާއިދާގެ އިސްކޮމާންޑަރުން ބުނެފައިވެ އެވެ. (އަލްޖަޒީރާ)