17 May 2014, 11:52
އަންްނަ ހޯމަ ދުވަހު ރާއްޖެގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓްކޮށް، ހިތްވަރު ދިނުމުގެ ގޮތުން މޯލްޑިވްސް ގޭސްގެ ހުރިހާ ސްޓާފުން މިއަދުން ފެށިގެން ޗެލެންޖްކަޕްގެ ޕްރޮމޯޝަނަލް ޓީޝާޓް ލައިގެން މަސައްކަތައް ނިކުތުމަށް ނިންމައިފި އެވެ.
މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން މިއަދު ވިދާޅުވީ، މޯލްޑިވްސް ގޭސްއަކީ ގައުމީ ކަންކަމުގައި ވަރަށް އިސްކަން ދީގެން، ގައުމީ ކަންކަން ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏަކަށް ވާތީވެ، މި އިވެންޓަކީ ރާއްޖެގެ ގައުމީ ޓީމުން މިފަދަ ބޮޑު ކަމެއްގައި ކުރިއަށް ދާއިރު ކުންފުނީގެ ފަރާތުން ގައުމީ ޓީމާއެކީ ތިބިކަން ހާމަ ކޮށްދިނުމަށްޓަކައި ކުރިއަށްގެން ދިއުމަށް ނިންމާފައިވާ ވަރަށް ހާއްސަ އިވެންޓެއް ކަމަށެވެ.
މޯލްޑިވްސް ގޭސް އަކީ 1991 ވަނަ އަހަރުން ފެށިގެން ދިވެހިންގެ ގޭބިސީތަކަށް ކައްކާގޭސް ސަޕްލައި ކޮސްދިނުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އަދި ދިވެހި ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ވެސް ފޯރު ކޮށްދެއްވަމުން އަންނަ ކުންފުންޏެކެވެ.
ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި ރާއްޖެއާ ވާދަ ކުރާނީ ފަލަސްތީނާއި މިޔަންމާ އަދި ކިރްގިސްތާނާ ދެކޮޅަށެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައި ރާއްޖެ ނިކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.