މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 11.2 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އަށް 426870 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 383748 ޓޫރިސްޓުންނެވެ. އެހެން ކަމުން މިއީ 11.2 ޕަސެންޓްގެ އިތުރުވުމެކެވެ.

އޭޕްރީމް މަހުގައި ރާއްޖެ އައި ޓޫރިސްޓުން އައި އަދަދު ވަނީ މިދިޔަ އަހަރުގެ އެމަހާ އަޅާބަލާ އިރު 16.2 ޕަސެންޓް އިތުރުވެފަ އެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އަށް 219058 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ 1.1 ޕަސެންޓް އިތުރު އަދަދެކެވެ. އޭޝިއާ ސަރަހައްދުން 179493 ޓޫރިސްޓުން އައިސްފައިވާއިރު އެމެރިކާ ސަރަހައްދުން ވަނީ 14470 ޓޫރިސްޓުން އައިސްފައެވެ.

މިއަހަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. އެގައުމުން ރާއްޖެއަށް 111564 ޓޫރިސްޓުން އައިސްފައިވެއެވެ.