17 May 2014, 11:35
އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ ފިލިޕީންސް ޓީމުގެ ކޮންމެ ކުޅުންތެރިއެއް ވެސް ދަނޑުމަތީގައި އެ ކުޅުންތެރިއެއްގެ 100 ޕަސެންޓް ކުޅުން ދައްކާނެ ކަމުގައި އެ ޓީމުގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.
މި މުބާރާތުގައި ވާދަކުރުމަށް މިއަދު ހެނދުނު ރާއްޖެ އައިސް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ޑޫލޭ ބުނީ، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މެޗުތަކެއް ކުޅުނު ކަމަށާއި އެ ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.
"މުބާރާތަށް ނުކުންނަ އަހަރެމެން މިއޮތީ ތައްޔާރަށް. ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން އަހަރެމެން ޕްރެކްޓިސް މެޗުތަކެއް ކުޅުނިން. ކޮންމެ ކުޅުންތެރިއެއް ވެސް ދަނޑުމަތީގައި އެ ކުޅުންތެރިއެއްގެ 100 ޕަސެންޓް ކުޅުން ދައްކާނެ. ފިލިޕީންސް ނޫން އެހެން ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ ބޭނުން ހިފިދާނެ ކަމަށް އަހަރެން ގަބޫލުކުރަން،" ފިލިޕީންސްގެ ކޯޗު ބުންޏެވެ.
ޖަރުމަނަށް އުފަން ފިލިޕީންސްގެ ކޯޗު ޑޫލޭ ކުރިން ވަނީ އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖާޖަން ކްލިންސްމަންގެ އެސިސްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. ފިލިޕީންސްގެ ކޯޗުކަމާއި ޑޫލޭ ހަވާލުވީ، މި އަހަރުގެ ފެބްރުއަރީ މަހު އެވެ.
ނޭޕާލުގައި 2012 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕުގައި ވާދަކުރި ފިލިޕީންސް އެ އަހަރު ނިންމާލީ ތިންވަނަ މަގާމުގައި އޮވެ އެވެ. އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ ޗެލެންޖް ކަޕުގައި ފިލިޕީންސް އޮތީ ގްރޫޕް ބީ ގައެވެ.
މި މުބާރާތުގައި ފިލިޕީންސް ކުޅޭ އެންމެ ފުރަތަމަ މެޗަކީ، އަންނަ އަންގާރަ ދުވަހު އަފްޣާނިސްތާނާއި ދެކޮޅަށް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅޭ މެޗެވެ. އަފްޣާނިސްތާނާއި ވާދަކުރުމަށް ފަހު، ގްރޫޕް ސްޓޭޖުގައި ފިލިޕީންސް ދެން ނުކުންނަން ޖެހޭނީ ލާއޮސް އަދި ތުރުކުމެނިސްތާނާއި ދެކޮޅަށެވެ.