އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާ އެއް ގްރޫޕް އޭގައި ވާދަކުރާ މިޔަންމާ ޖެހިލުންވާވާރުގެ ޓީމެއް ގްރޫޕްގައި ނެތް ކަމަށް އެ ޓީމުގެ ކޯޗް ސާބިއާގެ ރަޑޮޖްކޯ އަވްރަމޮވިޗް ބުނެފި އެވެ.

ގްރޫޕް އޭ ފަޅިން ރާއްޖެއާއި މިޔަންމާ އާއި އެކު ދެން ހިމެނޭ އަނެއް ދެ ޓީމަކީ ފަލަސްތީނާއި ކިޒްކިސްތާނެވެ.

އަންނަ ހޯމަ ދުވަހު ފަށާ ޖެލެންޖް ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރު ވުމަށް އިއްޔެ މެންދުރުގެ ވަގުތެއްގައި މާލެއައިސް، މިހާރު ފަރިތަކުންތައް މަލޭގައި ފަށާފައިވާ މިޔަންމާގެ ކޯޗް މިއަދު ހެނދުނު ހެންވޭރު ދަނޑުގައި އޮތް އެ ޓީމުގެ ފަރިތަކުރުމަށްފަހު ސަންއަށް ދިން އިޓްވިއުގައި ބުނީ، ގްރޫޕް އޭފަޅިން ވާދަކުރާ ޓީމް ތަކަކީ މުބާރާތުގައި އެންމެ ވަރުގަދަކަށް ބެލެވޭ ޓީމްތައް ކަމަށާއި އެހެން ނަމަވެސް ގްރޫޕްގައި މިޔަންމާ ޖެހިލުން ވާވަރުގެ ޓީމެއް ގްރޫޕް ގައި ނެތް ކަމަށެވެ.

"ގްރޫޕްގައި ޖެހިލުން ވާވަރުގެ ޓީމެއް ނެތް. ކޮންމެ ޓީމަކީ ވެސް މޮޅު ޓީމެއް. އަހަރުމެން ބޭނުން ވަނީ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުން. އެކަމަކު އަހަރެމެންނަށް މުބާރާތައް ތައްޔާރުވާން ލިބުނީ ކުޑަ ދުވަސް ކޮޅެއް،" ކޯޗް އަވްރަމޮވިޗް ބުންޏެވެ.

މިއަދުގެ ފަރިތަކުންތައް ކުރިއަށް ދިޔަ ވަގުތު ހޫނު ގަދަ ވުމުގެ ސަބަބުން މިޔަންމާ ތީމުގެ ގިނަ ކުޅުންތެރިނަށް ބަރުބަލިވުމުގެ އިހުސާސް ކުރެވިގެން ދިޔަކަން ފާހަގަ ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށް ވެސް ކޯޗް އަވްރަމޮވިޗް ބުންޏެވެ.

މިޔަންމާ ޓީމު އިއްޔެ ރާއްޖެ އައުމަށްފަހު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ފުރަތަމަ ފަރިތަކުން އޮތީ އިއްޔެ އިރުއޮއްސުނުއިރު، 6:00 ގައި ހެންވޭރު ދަނޑުގައެވެ.

މިޔަންމާ ގައުމީ ޓީމުގެ ކޯޗު އަވްރަމޮވިޗް އަކީ 2003 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ސިންގަޕޫރު ގައުމީ ޓީމަށް އިރުޝާދުދިން ކޯޗެވެ. ސިންގަޕޫރުގެ އިތުރުން ކުވޭތު ގައުމީ ޓީމަށް ކޯޗުކޮށްދިން އަވްރަމޮވިޗް މިޔަންމާ ޓީމާ ހަވާލުވީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ މިޔަންމާ އެންމެ ފުރަތަމަ ކުޅެން ޖެހޭނީ ރާއްޖެ އާ ދެކޮޅަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މުބާރާތް ހުޅުވާ އެ މެޗު ފެށޭނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގަ އެވެ.