ނިއުދިއްލީ (މޭ 17) : އިންޑިޔާގެ އާންމު އިންތިޚާބުގައި ބީޖޭޕީއަށް ލިބުނު ކާމިޔާބަކީ އާދަޔާޚިލާފު ތާރީޚީ ނަސްރެއް ކަމަށް އިންޑިޔާގެ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގަންނަވާ ނަރަންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ ވިދާޅުވީ އިންޑިޔާގެ ރައްޔިތުން ތާރީޚުގެ އައު ސަފްހާއެއް ހުޅުވާލައިފި ކަމަށާ ބީޖޭޕީ އަށް ލިބުނު ކާމިޔާބަކީ އިންޑިޔާގެ ރައްޔިތުންނަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމުގަ އެވެ. މޯދީ ވަނީ އިންޑިޔާގެ ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ. ބީޖޭޕީގެ ކާމިޔާބީއާ ގުޅިގެން އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ އިންޑިޔާގެ އެކިކަންކޮޅުތަކުގައި އުފާފާޅުކުރަމުންނެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ މޯދީއާ ފޯނުން ގުޅުއްވައި ބީޖޭޕީ އަށް މަރުހަބާ ވިދާޅުވެ އެމެރިކާ އަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު މޯދީ އަށް ދެއްވާފަ އެވެ. އަދި އިންޑިޔާއާ އެކު ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމް ކުރަން ބޭނުންވާކަމަށް ވެސް އޮބާމާ، މޯދީ އަށް ދެންނެވި އެވެ. އިންޑިޔާގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި އިއުލާން ނުކުރިނަމަވެސް ބީޖޭޕީ ހޯދާފައި ވަނީ ފާއިތުވި 30 އަހަރު ތެރޭގައި ވެސް އިންޑިޔާގެ އާންމު އިންތިޚާބެއްގައި އެގައުމުގެ ސިޔާސީ އެއްވެސް ޕާޓީއަކުން ހޯދާފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށާ ލޮކްސަބާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ބީޖޭޕީ ކާމިޔާބު ކޮށްފައިވާ ކަމަށްވެ އެވެ. އަދި އިންޑިޔާގެ މިނިވަންކަމަށް ފަހު މިވީ 60 ވަރަކަށް އަހަރު ތެރޭގައި އިންޑިޔާގައި އެންމެ ދިގުމުއްދަތެއްގައި ވެރިކަންކުރި ކޮންގްރެސް އަށް މިފަހަރުގެ އިންތިޚާބުގައި ކުރިމަތިވި ފަދަ ނާކާމިޔާބީއެއް މިހާތަނަށް އަދި ކުރިމަތިވެފައިނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ބީޖޭޕީގެ ރައީސް ރަޖްނަތް ސިންގް ވަނީ މިފަހަރުގެ އިންތިޚާބަކީ އިންޑިޔާ މުޅިން އައު މަރްހަލާއަކަށްވަން އިންތިޚާބެއް ކަމަށް ސިފަކުރައްވައި އިންޑިޔާގެ ރައްޔިތުން ބީޖޭޕީއާ ހަވާލުކޮށްފައި ވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާ އެމަސްއޫލިއްޔަތު އަދާކުރުމަށް އެޕާޓީ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފަ އެވެ. ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ގެންދަވަނީ ބީޖޭޕީގެ ކާމިޔާބީއާ ގުޅިގެން މޯދީއާ ގުޅުއްވައި މަރްހަބާ ވިދާޅުވަމުންނެވެ. ބީޖޭޕީ އިންޑިޔާގެ ވެރިކަމާ ހަވާލުވުމުން ގެންގުޅޭނެ ކަމަށް ބެލެވިފައިވަނީ ހިންދޫ ވަތަނީ ހަރުކަށި ސިޔާސަތެކެވެ. މީގެތެރޭގައި އެހެން ދީންތަކުގެ މީހުންނަށް އިހްތިރާމް ނުކުރުމާއި ހިންދޫންނަކީ މާމަތީ ބައެއްކަމަށް ދެކުމުގެ ހައްދުފަހަނަޅާފައިވާ ފިކުރާގުޅޭ ސިޔާސަތުތައް ހިމެނޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ބީޖޭޕީގެ ހައްދުފަހަނަޅާފައިވާ ސިޔާސަތު ތައްދެކެ ބިރުގަންނަ އިންޑިޔާގެ މުސްލިމުންނަށް ވަނީ ބީޖޭޕީ ގެ މިކާމިޔާބީގެ ސަބަބުން ސިހުން ލިބިފަ އެވެ. (ނޫސްއެޖެންސީތައް)