ސިވިލް ސާވަންޓުންނާ މެދު ކަމާބެހޭ ހުރިހާ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ މޯލްޑިވްސް ސިވިލް ސާވަންޓް އެސޯސިއޭޝަން (އެމްސީއެސްއޭ) އިން އިހުތިޖާޖްކުރުމަށް ރާވަމުން އެބަދެ އެވެ.


އެމްސީއެސްއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، އިހުތިޖާޖުކުރުމަށް އެ ޖަމިއްޔާއިން ނިންމާފައިވަނީ ސިވިލް ސާވަންޓުންގެ ހައްގުތަކާ މެދު ކަމާބެހޭ ޒިންމާދާރު ފަރާތްތަކުން އިހުމާލުވަމުންދާތީ، އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސް، ސިވިލް ސާވަންޓުންގެ ހައްގުތަށް ހޯދުމަށް ކަމަށެވެ. އަދި އެ މަސައްކަތުގައި ހުރިހާ ސިވިލް ސާވަންޓުން "އެކަތިގަނޑަކަށް" ވުމަށް އެ ޖަމިއްޔާއިން ގޮވާލައިފައި ވެއެވެ.


"މިނިވަން މުއައްސަސާތަކުގެ މުސާރަތައް އިންތިހާއަށް ބޮޑުވަމުންދާއިރު ސިވިލް ސާވިސް މުވައްޒަފުންގެ އުނިކުރި މުސާރައާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ލިބިފައިނުވާތީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމަށްޓަކައި އަޑުއުފުލުމުގެ ގޮތުން އެއްވުންތަކާއި ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ލިބިދޭ އިހުތިޖާޖް ކުރުމުގެ ހައްގުގެ ބޭނުން ހިފުމަށް މި ޖަމިއްޔާއިން ރާވަމުންދާތީ މިކަމަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ސަމާލުވެވަޑައިގެން އެއްބާރުލުން ދެއްވުމަށް ގޮވާލަމެވެ." އެބަޔާނުގައި ވެއެވެ.


މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފައިވާއިރު، ސިވިލް ސާވަންޓުންނަށް ލިބެން ޖެހޭ ހަމަ މުސާރައާއި އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާ ނުދީ ހިފަހައްޓާފައިވާ މައްސަލަ ކުށްވެރިކޮށް، މިހާރުން މިހާރަށް އެ ފައިސާ ދިނުމަށް ވެސް އެ ބަޔާނުގައި ވެއެވެ.


ސިވިލް ސާވަންޓް އެސޯސިއޭޝަނުން އިތުރަށް ބުނީ، މުސާރައިގެ އޮނިގަނޑަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލުގެ ސަބަބުން ސިވިލް ސާވަންޓުންނަށް ހަމަ މުސާރަ ދިނުމަށް ހުރަސް އެޅިދާނެ ކަމަށް ރައީސް އޮފީހުން އިއްޔެ ބުނެފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ކޮންމެ ހާލަތެއްގައި ސިވިލް ސާވިސް މުވައްޒަފުން "ގުރުބާންކުރުމުގެ" ވިސްނުމެއް ރައީސް އޮފީހުން ގެންގުޅޭ ކަމަށް ބުނެ އެ ވިސްނުން ބަދަލުކުރުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ އިއްޔެ ވިދާޅުވެފައިވަނީ، މުސާރައިގެ އޮނިގަނޑަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ އިތުރު ކުރި 249.6 މިލިއަން ރުފިޔާއާ އެކު އެ އޮނިގަނޑު ރައީސަށް ތަންފީޒުކުރައްވަން ވަރަށް އުނދަގޫވާނެ ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިޔާދަ ކުރައްވާނެ ކަމަށް ސަރުކާރުން ބުނަމުންދާ ދަނޑިވަޅެއްގައި އަނެއްކާ ވެސް އިތުރު އަދަދުތަކެއް ބަޖެޓްގައި ހިމެނުމުން ވަރަށް ބޮޑަށް ސަރުކާރަށް ދަތިވާނެ ކަމަށް ޒުހައިރު ވިދާޅުވެފައި ވެއެވެ.