އިންޑިޔާގެ އާންމު އިންތިހާބުގައި ކާމިޔާބު ހޯއްދެވި ބިޖޭޕީގެ ނަރެންދްރަ މޯދީއަށް ފޯނު ކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް މުބާރަކްބާދު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާންމު އިންތިހާބުގައި ހޯއްދެވި ކާމިޔާބަށް މުބާރަކްބާދު ވިދާޅުވެ ބޮޑުވަޒީރު ނަވާޒް ޝަރީފް ނަރެންދްރަ މޯދީއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ޕާކިސްތާނަށް ވަޑައިގަތުން އެދިވަޑައިގެން ދައުވަތު އެރުއްވި ކަމަށެވެ.

ހަމައެހެންމެ ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިން ވެސް ވަނީ ބީޖޭޕީގެ ނަރެންދްރަ މޯދީއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައި އިންތިހާބުގެ ކާމިޔާބީއަށް މުބާރަކްބާދު ވިދާޅުވެފައެވެ.

މިހާތަނަށް ސާފުވެފައި ވާ ނަތީޖާތަކަށް ބަލާ އިރު، ވާދަވެރި ކޮންގްރެސްއާ އަޅައިބަލާ އިރު ބީޖޭޕީ އަށް ކަށަވަރު ވެފައި ވާ ގޮނޑިތަކުން އިއްތިހާދީ ސަރުކާރެއް އެކުލަވައިލުމަކީ ބީޖޭޕީއަށް އުނދަގޫ ކަމެއް ނޫނެވެ.

ކޮންގްރެސްގެ ތަރުޖަމާނު ރަޖީވް ޝުކްލާ ނޫސްވެރީންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "އަޅުގަނޑުމެން ބަލި ގަބޫލު ކޮށްފިން. އަދި ވާދަވެރި ޕާޓީގެ ގޮތުގައި މަސައްކަތް ކުރުމަށް ތައްޔާރު،" ކަމަށެވެ.

އިންޑިޔާގައި އެތައް ކުރޯޑު ވޯޓެއް ގުނުމުގެ މަސައްކަތް ފެށުނީ ހުކުރު ދުވަހުގެ ހެނދުނުއެވެ. އެއާ އެކު ދުނިޔޭގެ އެންމެ ބޮޑު ޖުމްހޫރިއްޔަތުގެ އެންމެ ދިގު އިންތިހާބީ މަސައްކަތް ނިމުމަކާ ހަމަޔަށް އައީއެވެ.

ވޯޓުލުން ނިމުމާ އެކު، ހިޔާލު ހޯދުމުގެ ޕޯލްތަކުން ވަނީ ނަރެންދްރަ މޯދީގެ ޒައާމަތުގައި ބީޖޭޕީއަށް އިންޑިޔާ "ފަތަހަ ކުރެވިއްޖެ" ކަމަށް ދައްކައިފައެވެ. އެކަމަކު މުހައްލިލުން ވަނީ މާޒީގައި މިފަދަ ޕޯލްތަކުގެ ނަތީޖާއާ ހިލާފަށް ކަން ހިނގައިފައި ވާ ކަން ފާހަގަ ކުރައްވައި، މުޅީން އެހެން މަންޒަރެއް ފެނުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިޔާގެ އާންމު އިންތިހާބުގައި 272 ނުވަތަ އެއަށް ވުރެ ގިނައިން ގޮނޑި ހޯދާ ޕާޓީއަކަށް ބަރުލަމާނުގައި ސާފު އަގުލަބިއްޔަތު ހާސިލު ވާނެއެވެ.

ބީޖޭޕީ އިއްތިހާދުގައި ޖުމްލަ 28 ޕާޓީ ޝާމިލުވެއެވެ. އަދި އެޕާޓީތަކާ ބެހޭ ގޮތުން އިންތިހާބުގެ ކުރީން ބުނެވެމުން އައީ މި އިއްތިހާދަށް 249 އަކާއި 340 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔަބު ކުރެވިދާނެ ކަމަށެވެ.