އިންޑިއާގެ ސިޔާސީ މައިދާނަށް އިއްޔެ އައީ ވަރަށް ތާރީޚީ ބަދަލެކެވެ. ގާނޫނު ހަދާ މަޖިލީހުގެ ސާފު މެޖޯރިޓީއެއް ޕާޓީއަކަށް ނުލިބޭތާ 30 އަހަރަށް ފަހު ބީޖޭޕީން ވަނީ އެކަން ކާމިޔާބުކޮށްފަ އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ އިންޑިއާ މިނިވަންކަމުގެ ބާނީން އުފެއްދި އިންޑިއަން ނެޝަނަލް ކޮންގްރެސް އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީ އެވެ.

އިންޑިއާގެ ސިޔާސީ މަސްރަހަށް މިއައި ބަދަލާ މެދު އެންމެ ބޮޑަށް ވިސްނަން ޖެހޭ އެއްބަޔަކަށް ދިވެހިން ވާނެ އެވެ. ތަފާތު އެތައް ދާއިރާއަކުން ދިވެހިން އެންމެ ބޮޑަށް ބަރޯސާ ކުރާ އަވަށްޓެރިއަކީ އިންޑިއާ އެވެ. ކެއިން ބުއިމަށް ބޭނުންކުރާ ގިނަ ބާވަތްތަކެއް އެތެރެކުރަނީ އެގައުމުންނެވެ. ބޭސްފަރުވާގެ ކަންކަމުގައި ވެސް މެއެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ވެސް އެއީ ރާއްޖެއަށް އެންމެ މުހިއްމު އެއް ގައުމެވެ.

އިންޑިއާގެ ވެރިކަމާ ދެން ހަވާލުވާނީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އެވެ. އެޕާޓީން ބޮޑުވަޒީރު ކަމަށް ކަނޑައަޅާފައި ވަނީ ނަރެންދުރަ މޯދީ އެވެ. ރާއްޖެއާ އިންތިހާއަށް ބީރަށްޓެހި ބީޖޭޕީއާއި މޯދީ ދެނެގަންނަން ޖެހޭ ވަގުތު ދިވެހިންނަށް މިވަނީ އައިސްފަ އެވެ.

ބީޖޭޕީގެ ތާރީހާއި ސިޔާސަތު

ހިންދޫ ވަތަނީ ޕާޓީއެއްގެ ގޮތުގައި ބީޖޭޕީ އުފެއްދީ 1980 ވަނަ އަހަރު އެވެ. އެޕާޓީއަކީ މިހާރު އިންޑިއާގައި ދެވަނަ އަށް އެންމެ މީހުން ގިނަ ޕާޓީ އެވެ.

ބެލެވޭ ގޮތުގައި އެ ޕާޓީއަކީ މުސްލިމުންނާ ދެކޮޅު ހަރުކަށި ހިންދޫ ހަރަކާތެއް ކަމަށްވާ ރަޝްތުރިޔާ ސުވަޔަމް ސިވާކް ސާންގްގެ ސިޔާސީ ގޮތްޕެވެ. އެ ޕާޓީ އިސްވެ އޮތް ވެރިކަމެއް އިންޑިއާގައި ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސްގެ ނަމުގައި އުފެއްދި ކޯލިޝަނަކުން 1998 ވަނަ އަހަރު އިންޑިއާ ޕާލަމެންޓްގެ ތިރިގެ (ގާނޫނު ހަދާ މަޖިލިސް) ލޮކްޝަބާ ކާމިޔާބުކޮށް އުފެއްދި ސަރުކާރެވެ. އެސަރުކާރު 2004 ވަނަ އަހަރާ ހަމައަށް ދެމި އޮތެވެ.

ބީޖޭޕީގެ ވެރިކަމުގައި އިންޑިއާގެ ރައްޔިތުން ވެސް އަދި ދުނިޔެ ވެސް ހަނދާން ނައްތައި ނުލާނެ ހާދިސާއެއް ހިނގާފައިވެ އެވެ. އެއީ ގުޖުރާތުގައި ހިންދޫއިން މުސްލިމުންނާ ދެކޮޅަށް ހިންގި ލޭ އޮހޮރުވުމެވެ. ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެކަމުގައި 900 މުސްލިމުން ގަތުލުވެން ދިޔަ އެވެ. ނަމަވެސް ގުޖުރާތުގެ މުސްލިމުން ބުނާ ގޮތުގައި އެކަމުގައި 2000 މީހުން ގަތުލުވި އެވެ.

މޯދީއަކީ ކާކު؟

ގުޖުރާތުގެ ގޯދީ ނަމަކަށް ކިޔާ ރަށުގެ ކައިރިން ދަތުކުރި ރޭލެއްގައި 2002 ވަނަ އަހަރު އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެ ހާދިސާ ހިނގި އިރު ރޭލުގައި ތިބީ އަޅުކަމަކަށް ދަތުރުކުރަމުން ދިޔަ ހިންދޫއިންނެވެ. އެއްވެސް ތަހުގީގަކާ ނުލައި އެކަން ވަގުތުން މުސްލިމުންގެ ބޮލުގައި އެޅުވި އެވެ. އަދި މުޅި ގުޖުރާތުގައި ހިންދޫއިން މުސްލިމުންނާ ދެކޮޅަށް ވަރުގަދަ ލޭ އޮހޮރުވުމެއް ހިންގި އެވެ. އެކަމުގައި އެތައް ބަޔަކު ދިރިތިއްބައި އަންދައިލި އެވެ. އެތައް އަންހެނުންނެއްގެ އިއްފަތްތެރިކަން ނަގައިލި އެވެ. ގުޖުރާތުގައި އޭރު ޗީފް މިނިސްޓަރަކަށް ހުންނެވީ މޯދީ އެވެ.

ގުޖުރާތުގެ ލޭއޮހޮރުވުން ލޮލުން ދުށް އެތައް ނޫސްވެރިންނެއް ރިޕޯޓްކޮށްފައިވާ ގޮތުގައި އެކަން ހުއްޓުވަން ސަރުކާރުން އެއްވެސް ކަމެއް ނުކުރެ އެވެ. އަދި އޭގެ އިތުރުން އެކަމުގައި ބައެއް ސިފައިންނާއި ފުލުހުން ހިންދޫއިންނަށް މަދަދު ވެސް ކުރި އެވެ.

ލޭއޮހޮރުވުމެ އެންމެ އިސް މޭސްތިރިއަކީ މޯދީ ކަމަށް އިންޑިއާގެ މުސްލިމުން ދެކެނީ އެހެންވެ އެވެ. އެކަން ހަމަ ހަގީގަތުގައި ވެސް ވީ އެހެން ކަމަށް ގަބޫލުކުރެވޭ ފަދަ ވާހަކަފުޅުތައް އޭނާ ވަނީ ފަހުން ވެސް ދައްކަވާފަ އެވެ.
އެމެރިކާގެ ނިއުޔޯކްޓައިމްސް އަށް ހަމަ އެ އަހަރު ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައި ވަނީ އެކަމުގައި (ގުޖުރާތުގެ ލޭ އޮހޮރުވުމުގެ ކަންތަކުގައި) އޭނާ ހިތާމަކުރައްވާ ހަމަ އެކަނި ކަމަކީ މީޑިއާ ރަނގަޅަށް މެނޭޖް ނުކުރެވުމެވެ. މޯދީ އެހެން ވިދާޅުވުމާ ގުޅިގެން އެމެރިކާ އިން ވަނީ އޭނާ އެގައުމަށް ދަތުކުރުކުން މަނާކޮށްފަ އެވެ. އަދި އިނގިރޭސިވިލާތުން ވެސް ވަނީ އޭނާ 10 އަހަރަށް ބޮއިކޮޓްކޮށްފަ އެވެ.

ހަރުކަށި ހިންދޫއެއްކަން ދޭހަވާ ވަރަށް ގިނަ ވާހަކަފުޅުތައް ދާދި ފަހުން ވެސް މޯދީ ވަނީ ދައްކަވާފަ އެވެ.

އާސަރުކާރުގެ ސިޔާސަތު

އިންތިހާބުގައި މޯދީގެ ލީޑަޝިޕްގައި ބީޖޭޕީން ކުރި ކެމްޕޭންގައި އެންމެ ބޮޑަށް ދައްކާފައި ވަނީ ތަރައްގީގެ ވާހަކަ އެވެ. ދީނީ ނަސްލީ ކަންކަމާ މެދު ވާހަކަ ދެއްކުމަށް މޯދީ ވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފަ އެވެ. މޯދީ ވައުދުވެވަޑައިގެންފައި ވަނީ އިގުތިސާދީ ގޮތުން އިންޑިއާ ކުރިއެރުވުމަށެވެ. އަދި ސިޔާސީ ގޮތުން ސަރަހައްދުގައި ބާރުގަދަ ގައުމަކަށް އިންޑިއާ ހެދުމަށެވެ. އެހެންވީމާ އާސަރުކާރުގެ ހާރިޖީ ސިޔާސަތަކަށް ވާނެ ކަމަށް އިންޑިއާގެ މާހިރުން ދެކެނީ ގުޅުން ރަނގަޅުކުރުން ކަމަށެވެ. މިހާރު އޮތް ސަރުކާރުން އަވަށްޓެރިންނަށް އެކަށީގެންވާ ވަރަށް އަޅާ ނުލެވުމުގެ ސަބަބުން ޗައިނާގެ ނުފޫޒު ސަރަހައްދުގައި ގަދަވެފައިވާ ކަމަށް ބީޖޭޕީ ދެކެ އެވެ. އެހެންވެ، އަވަށްޓެރިންނަށް ގިނަ ކަންތައްތައް ކޮށްދީ، ގުޅުން ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ރާއްޖެ އިންޑިއާ، މަސްރަހު އޮތީ ކިހިނެތް؟

ސަރަހައްދީ ގުޅުން ރަނގަޅު ކުރަން ބޭނުން ވިޔަސް ބީޖޭޕީން ދޫ ނުކުރާ ފަދަ މައްސަލަތަކެއް ރާއްޖެއާ ގުޅޭ ގޮތުން މިހާރު ވަނީ އުފެދިފަ އެވެ. އެއީ ޓެރަރިޒަމާ ރާއްޖެއާ ގުޅުވައިގެން އަނެއްކާ ވެސް އިންޑިއާގައި ދެކެވެން ފަށާފައިވާ ވާހަކަކައިގެ މައްސަލަ އެވެ. ސްރީލަންކާގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނުން ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ދެ ދިވެހިން ފޮނުވަން އުޅުނު ކަމަށް އިންޑިއާ ފުލުހުން ވަނީ ތުހުމަތު ކޮށްފަ އެވެ. ޗެންނާއީގައި ހައްޔަރުކުރި ސްރީލަންކާ ރައްޔިތަކު އެކަމަށް ހެކިދީފައިވާ ކަން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.
ބެލެވޭ ގޮތުގައި ބީޖޭޕީގެ ސަރުކާރުން އެކަން ވަރަށް ބޮޑަށް ތަހުގީގު ކުރާނެ އެވެ. އަދި އެއީ ހިނގިކަމެއް ކަމަށް ކަނޑައަޅަން މަސައްކަތް ކުރާނެ އެވެ. އެހެން އެކަން ވުމަކީ ރާއްޖެއާ އޮންނަ ގުޅުމަށް ވަރަށް ނުބައި އަސަރެއް ކުރާނެ ކަމަކަށް ވާނެ އެވެ. މޯދީގެ ވެރިކަމެއްގައި ރާއްޖޭން އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ މިއެވެ.
އިންޑިއާގެ ކުރީގެ ސަރުކާރުތަކާ ހިލާފަށް ޓެރަރިޒަމްގެ ކަންކަމުގައި މޯދީގެ ސަރުކާރު ހަރުކަށިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ނަމަވެސް ހަމަ އެއާ އެކު އިންޑިއާގެ މާހިރުން ފާހަގަކޮށްފައިވާ ގޮތުގައި މޯދީގެ ސިޔާސަތަކީ އިގުތިސާދީ ސިޔާސަތަކަށް ވުމުން ހާރިޖީ ސިޔާސަތު އެހާ ހަރުކަށި ނުވާނެ ކަމަށެވެ. ފޮރިން އިންވެސްޓްމެންޓް ގެންނަން ބޭނުންވާތީ ކުރިން ބީޖޭޕީން ގެންގުޅުން ފަދަ ހަރުކަށި ހާރިޖީ ސިޔާސަތެއް މޯދީ ނުގެންގުޅުއްވާނެ ކަމަށެވެ.

ނަމަވެސް އިގުތިސާދީ ނަޒަރަކުން ވިސްނައިފި ނަމަ ރާއްޖެއާ މެދު ހިތްހަމަ ނުޖެހުން އުފެދޭނެ ސަބަބެއް އޮތީ ކުރިމަތިވެފަ އެވެ. އެއީ އިންޑިއާގެ ވަރުގަދަ ކުންފުންޏެއްކަމަށްވާ ޖީއެމްއާރާ ދިވެހި ސަރުކާރާ ދެމެދު އުފެދިފައިވާ މައްސަލަ އެވެ.

ކަންތައްތައް ކޮންމެ ގޮތަކަށް އޮތް ނަމަވެސް މޯދީގެ ސަރުކާރާ ގުޅުން ރަނގަޅުކުރަން ދިވެހި ސަރުކާރުން ވަނީ ފުރަތަމަ މިނެޓުން ފެށިގެން ފިޔަވަޅު އަޅާފަ އެވެ. މޯދީގެ ކާމިޔާބީ އަށް ސަރުކާރުން ވަނީ ވަރަށް އަވަހަށް މަރުހަބާ ކިޔާފަ އެވެ. (މައުލޫމާތު ނޫސްތައް)