އަންނަ ހޯމަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖްކަޕް ފުޓްބޯޅަ މުބާރާތުގައި އައްޑޫ ސިޓީގެ އެފްއޭއެމްގެ އެންމެ އިސް މަންދޫބަކަށް އޮލިމްޕިކް ކޮމިޓީގެ ސެކެއްޓަރީ ޖެނަރަލް އަހުމަދު މަރުޒޫގް (މަރޭ) އެފްއޭއެމްގެ ރައިސް އިލްހާމް އަހުމަދު ހަމަޖައްސަވައިފި އެވެ.

އެފްއޭއެމް އިން ބުނީ، މިގޮތަށް ހަމަޖެއްސުމުން އައްޑޫސިޓީގައި ކުރިއަށްދާ މި މުބާރާތާއި ގުޅުން ހުރި އެއްމެހާ ކަންތައްތަކުގައި އެއްމެ އިސްކޮށް ހަރަކާތްތެރި ވާނީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަހުމަދު މަރުޒޫގެވެ.

އޭފްއޭއެމްގެ ރައިސް އިލްހާމް އަހުމަދު ވިދާޅުވީ، މި ބުރާތުގެ ކަންތައްތައް އަމާންކަމާއި އޮމާންކަމާ އެކު ގެންދިޔުމަށް މަރުޒޫގުގެ ތަޖުރިބާ ވަރަށް މުހިއްމު ކަމަށާއި މަރުޒޫގަކީ ހިންގުންތެރި ހަރުދަނާ ބޭފުޅެއް ކަމަށެވެ.

މިހާރު ވެސް އޮލިމްޕިކް ކޮމިޓީގެ ސެކައްޓަރީ ޖެނަރަލް ކަމުގެ މަގާމުގައި ހުންނެވި މަރުޒޫގް ވަނީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު އޮލިމްޕިކް ކޮމިޓީގެ ސެކައްޓަރީ ޖެނެރަލް ކަމުގެ މަގާމު އަދާކޮށްފަ އެވެ.

ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ތިބެން ހަމަޖެހިފައި ވަނީ ހެރެތެރެ އައިލެންޑު ރިސޯޓުގަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.