17 May 2014, 00:38
އިންޑިއާގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް "ރިޓްވީޓް" ކުރި "ޓްވީޓް" އަކަށް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ނަރެންދްރަ މޯދީ އިންތިޚާބުގެ ކާމިޔާބީ ފާހަގަކޮށް ކުރެއްވި ޓްވީޓް ވެއްޖެއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް "ލޮކް ސަބާ"ގެ އިންތިޚާބުގެ ނަތީޖާ ހީވެސް ނުކުރާ ފަދަ ގޮތަކަށް އެނބުރިގެން ގޮސްފައިވާއިރު، "ޓްވިޓާ އިންޑިއާ" އިން ހާމަކޮށްފައިވާ ގޮތުގައި، މޯދީ އެ ޓްވީޓް ޕޯސްޓް ކުރެއްވިތާ އެއް ގަޑިއިރު ތެރޭ އެ ޓްވީޓް ވަނީ 35،799 ފަހަރު ރިޓްވީޓް ކުރެވިފައެވެ. އަދި ފޭވަރިޓްގެ ގޮތުގައި 21،414 ފަހަރު އެ ޓްވީޓް ހިމެނިފައި ވެއެވެ.
India has won! भारत की विजय। अच्छे दिन आने वाले हैं।
— Narendra Modi (@narendramodi)May 16, 2014
މޯދީގެ ޓްވީޓްގައި ހިންދީން ވިދާޅުވެފައިވަނީ، "ބާހރަތު ކީ ވިޖަޔަ. އައްޗޭހ ދިން އާނޭ ވާލޭ ހޭނ". މާނައަކީ "އިންޑިއާގެ ކާމިޔާބު! (އިންޑިއާ ކާމިޔާބު ހޯދައިފި!) ކުރިއަށް އޮތީ ފާގަތި ދުވަސްތަކެއް" މިހެންނެވެ.
އިންޑިއާގެ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުން ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، ބީޖޭޕީން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ނަގާނެ ކަމަށް މިހާރުވަނީ ބެލެވިފައެވެ.
މި އިންތިޚާބަކީ އިންޑިއާގައި މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގެ ތެރެއިން ރައްޔިތުންގެ އިޖްތިމާއީ ހޭލުންތެރިންކަން އެންމެ ބޮޑު އިންތިޚާބެވެ. ޓްވިޓާ އިންޑިއާއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މޭ 12ގެ ނިޔަލަށް އިންތިޚާބާ ގުޅުންހުރި 56 މިލިޔަން ޓްވީޓް ކޮށްފައިވާ ކަމަށާއި މިއީ އިންތިޚާބަށް މީހުން ސަމާލުކަން ދިން މިންވަރު އަންގައިދޭ އަދަދެއް ކަމުގައެވެ.
ޓްވީޓް ތަކުގައި އިންތިޚާބާ ގުޅޭ ތަފާތު ވީޑިއޯތަކާއި ފޮޓޯތައް ޕޯސްޓްކޮށްފައިވާ އިރު، މޯދީ ބޭނުންކުރައްވާ ޓްވިޓާ އެކައުޓް "@narendramodi"އަށް 4 މިލިޔަން މީހުން ވަނީ ފޮލޯކުރަން ފަށައިފައެވެ. އެއީ ޖެނުއަރީ މަހާ އަޅާ ބަލާއިރު 28 އިންސައްތައިގެ އިތުރުވުމެކެވެ. ހަމަ އެހެންމެ "އާންމު އާދްމީ ޕާޓީ"ގެ ލީޑަރު އަރަވިންދު ކެޖްރިވާލް ބޭނުންކުރައްވާ "@ArvindKejriwal" އެކައުންޓަށް މިއަހަރު ފެށުނު ފަހުން 2 މިލިޔަނާ ގާތްކުރާ އަދަދަކަށް މީހުން ފޮލޯކުރަން ފަށާފައި ވާ ކަމަށް ޓްވިޓާ އިންޑިއާއިން ވަނީ ބުނެފައެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާގެ ސިޔާސީ ހަޔާތުގައި އެންމެ ގިނަ އަދަދަކަށް ޓްވީޓް ބޭނުން ކޮށްފައިވަނީ އެގައުމުގައި 2012 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ. އެގޮތުން އެގައުމުގެ ރައީސް ބަރަކް އޮބާމާ ކުރެއްވި "Four more years" މި ޓްވީޓް ވަނީ، 40 ވަރަކަށް މިނިޓް ތެރޭގައި 300،000 ފަހަރު ރިޓްވީޓް ކޮށްފައެވެ. އަދި ފަސް ގަޑި އިރުގެ ތެރޭގައި ބައި މިލިޔަނަށް ވުރެ ގިނަފަހަރު އެ ޓްވީޓް ރިޓްވީޓް ކޮށްފައި ވެއެވެ.
ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރިޓްވީޓް ކުރެވުނު ޓްވީޓަކީ މިފަހަރުގެ އޮސްކާ އެވޯޑް ހޮސްޓްކުރި އެލެން ޑިޖެނެރެސް، ހޮލީވުޑްގެ ތަރިންތަކަކާ އެކު ނަގާފައިވާ "ނަފްސީ" އެއްގެ ޓްވީޓެވެ. "ސެލްފީ" މި ލަފްޒު މަޝްހޫރުވެގެން ދިޔުމުގެ ސަބަބަކަށްވި މި ފޮޓޯ ވަނީ، ގަޑިއެއްހާ އިރުގެ ތެރޭގައި މިލިޔަނަކަށް ވުރެ ގިނަ ފަހަރު ރިޓްވީޓް ކުރެވިފައެވެ.