16 May 2014, 23:36
އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރުމަށް ރާއްޖެ އައިތާ ހަތް ގަޑިއިރު ނުވަނީސް މިޔަންމާ ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.
މިޔަންމާ ޓީމުގައި ހިމެނޭ 23 ކުޅުންތެރިން މިއަދު އިރުއޮއްސުނު އިރު، ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ލައިފް ބޯއީ ޓާފް ދަނޑުގަ އެވެ. ފަރިތަކުރުންތައް ކުރިއަށްދިޔަ އިރު، އެ ޓީމުގެ ކޯޗު ރަޑޮޖްކޯ އަވްރަމޮވިޗް އާއި ޓީމުގެ އޮފިޝަލުން ބައިވެރިވި އެވެ.
މިޔަންމާ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދިޔަ އިރު، ކޯޗު އަވްރަމޮވިޗްގެ ވިސްނުން ހުރީ ޓީމު ލައްވައި ޕާސިން ގޭމެއް ކުޅެ، ފަޅިން ކުޅޭ ކުޅުންތެރިން ލައްވައި ހުރަސްތަކެއް ނަގައިގެން ކުޅުމަށެވެ. އޭގެ އިތުރުން އަވްރަމޮވިޗް ވަނީ އެ ޓީމުގެ ކުޅުންތެރިންގެ ޕާސިން އާއި ބޯޅަ ކޮންޓްރޯލް ކުރުމުގެ ހުނަރުތައް ރަނގަޅު ކުރުމަށް އިސްކަން ދީފަ އެވެ.
ޗެލެންޖް ކަޕުގެ ގްރޫޕް އޭގައި މިޔަންމާ ނުކުންނަން ޖެހޭނީ ރާއްޖެ އާއި ފަލަސްތީނު އަދި ކިރްގިސްތާނާއި ދެކޮޅަށެވެ. މިޔަންމާ އަކީ މި ގްރޫޕްގެ އެހެން ޓީމުތަކާ އަޅާ ބަލާއިރު، ފީފާ ރޭންކިންގެ އެންމެ ދަށުގައި އޮތް ޓީމެވެ.
މިޔަންމާގެ އޭއެފްސީ ޗެލެންޖް ކަޕުގެ ރެކޯޑަށް ބަލައިލާއިރު، އެ ޓީމު ކޮލިފައިވި ދެ ފަހަރު ވެސް ނިންމާލީ ހަތަރު ވަނަ މަގާމުގައި އޮވެ އެވެ. އެއީ 2008 ވަނަ އަހަރު އިންޑިއާގައި ބޭއްވި ޗެލެންޖް ކަޕާއި، 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި މުބާރާތުގަ އެވެ.