މިއަހަރުގެ ސިވިލް ސާވިސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ސިވިލް ސާވިސް އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް" މާދަމާ ފަށާނެ އެވެ.

ދެ ޖިންސް ވަކިން ހަމަ އެކަނި ޑަބަލްސް މެޗުތަށް ކުޅޭ ގޮތަށް ކުރިއަށް ގެންދާ އެއްދުވަހުގެ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ، ޒުވާނުންގެ މަރުކަޒު (އެމްސީއެސްއީ)ގައި މާދަމާ ހެނދުނު 8:30ގަ އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަލީ ނިޒާރު "ސަން"އަށް މިރޭ ވިދާޅުވީ، ޖުމުލަ 12 އޮފީހަކުން 21 ޓީމު ބައިވެރިވެފައިވާ ބެޑްމިންޓަން މުބާރާތް ކުރިއަށް ގެންދަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ސީއެސްސީއާ ގުޅިގެން ކަމަށެވެ.

"މި މުބާރާތުގައި ފިރިހެން 13 ޓީމު އަދި އަންހެން 8 ޓީމު ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ގާތްގަނޑަކަށް 160 ވަރަކަށް ކުޅުންތެރިން ހިމެނޭ،" އަލީ ވިދާޅުވި އެވެ.

ސިވިލް ސާވިސް ދުވަހުގެ ގޮތުގައި މޭ މަހުގެ އެއް ވަނަ ދުވަސް ފާހަގަ ކުރާއިރު، މިއަހަރުގެ ސިވިލްސާވިސް ދުވަހާ ގުޅުވައިގެން ސީއެސްސީން އަދިވެސް އިތުރު ހަރަކާތްތަކެއް ރާވައިފަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބެޑްމިންޓަން މުބާރާތުގެ އިތުރުން، ސިވިލް ސާވިސް މުވައްޒަފުންނަށް އާއިލީ ހަވީރެއް، އަދި ސިވިލް ސާވިސް މުވައްޒަފުންގެ ރެއެއް ކުރިއަށް އޮތް މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި،" އަލީ ނިޒާރު ވިދާޅުވި އެވެ.

ރާއްޖޭގައި ސިވިލް ސާވިސް މުސްތަގިއްލު ޚިދުމަތެއްގެ ގޮތުގައި ގާއިމްވެ އެ ޚިދުމަތްފަށާފައި ވަނީ 1 މެއި 2008 ގަ އެވެ. އަދި ސިވިލްސާވިސް ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ.