16 May 2014, 22:51
ބްރެޒިލްގައި އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް އެ ގައުމުގެ ސަރުކާރުން ކޮށްފައިވާ ހަރަދުތައް އިންތިހާއަށް ބޮޑު ކަމަށް ބުނެ އެކަމާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން އަނެއްކާވެސް އެ ގައުމުގެ ބޮޑެތި ސިޓީތަކުގެ މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފި އެވެ.
ސައޮ ޕޯލޯ އާއި ރިއޯ ޑި ޖެނެއިރޯގެ މަގުތަކަށް އެތައް ހާސްބަޔަކު ނުކުމެ އެ ގައުމުގައި ވޯލްޑް ކަޕް ބޭއްވުމަށް ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރަމުންދާއިރު، ރަޔަޓް ފުލުހުން ނުކުމެ މުޒާހަރާގެ ބައިވެރިން ފައްސާލުމަށް ކަރުނަ ގޭސް ބޭނުން ކުރަމުންދާ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެ އެވެ.
މުޒާހަރާކުރާ ކުރަމުންދާ ބައެއް ފަރާތްތަކުން ފުލުހުންނާ ދިމާއަށް ގަލާއި ފުޅިފަދަ ތަކެތި އުކަމުންދާއިރު އޭގެ ތެރެއިން ބަޔަކު ވަނީ މަގުތައް ބްލޮކް ކުރުމަށް ފުލުހުން ބަހައްޓާފައިވާ ޓަޔަރު ތަކާއި ބެރިކޭޑް ތަކުގައި އަލިފާން ރޯކޮށްފަ އެވެ.
މުޒާހަރާތަކުގައި ބައިވެރިވާ އެތަކެއް ހާސް ސިވިލް ސާވަންޓުންނާއި ޓީޗަރުން ގޮވަމުން ދަނީ އެ މީހުން ރުޅިގަދަވެގެން އުޅެނީ، އިޖްތިމާއީ މަޝްރޫއުތަކާއި ބޯހިޔާވަހިކަން ފަދަ ކަންކަމަށް ޚަރަދު ކުރުމުގެ ބަދަލުގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް އެތައް ބިލިޔަންޑޮލަރެއް ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްފައިވާތީ ކަމަށެވެ.
މުޒާހަރާތައް ބްރެޒިލްގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާއިރު، ޖުލައި 13 ގައި ވޯލްޑް ކަޕް ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ރިއޯގެ ޓްރެފިކް ބޯ މަގުތަކުގެ އެއްކޮޅުން އަނެއްކޮޅަށް މުޒާހަރާގެ ބައިވެރިން ފެތުރިފައިވާ ކަމަށާއި އަދި ވެރިރަށް ބްރަސީލިއާގައި ވެސް މުޒާހަރާ ހޫނުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގައި ވެސް ބްރެޒިލްގެ އެކި ކަންކޮޅުތަކުގައި މިލިޔަނަކަށްވުރެ ގިނަ ރައްޔިތުން ވޯލްޑް ކަޕަށް ދައުލަތުން މާބޮޑަށް ޚަރަދުކޮށްފައިވާ ކަމަށް ބުނެ މުޒާހަރާކޮށްފައިވާއިރު މިހާރު ފެށިގެން ކުރިއަށްދާ މުޒަހަރާތަކުގެ ބައިވެރިންގެ އަދަދު ވޯލްޑް ކަޕްގެ ދުވަސް ކައިރިވާ ވަރަކަށް އިތުރުވާނޭ ކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ.