އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްބީސީ އަދި ސްކޫލްތަކާއި ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ، އެމްބީސީ ސްކޫލް ތަކުގެ ލަވަ މުބާރާތުގެ މިއަހަރުގެ އެއްވަނަ އިސްކަންދަރު ސްކޫލް ހޯދައިފި އެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އޮލިމްޕަހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، މުބާރާތުގެ އެއްވަނަ ހޯދި އިސްކަންދަރު ސްކޫލަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މުބާރާތުގެ ދެވަނަ ލިބިފައިވަނީ މިދިޔަ އަހަރުގެ އެއްވަނަ ޖަމާލުއްދީން ސްކޫލަށެވެ. އަދި ތިން ވަނަ ލިބިފައިވަނީ މިދިޔަ އަހަރުވެސް ތިން ވަނަ މަގާމް ހޯދި ބިލަ ބޮންގް ހައި އިންޓަނޭޝަނަލް ސްކޫލަށެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ 14 ސްކޫލަކުން ޖުމްލަ 219 ދަރިވަރުން ބައިވެރިވެފައިވާއިރު، މުޅި މުބާރާތުން އެއް ވަނަ ލިބިފައިވަނީ، ޖަމާލުއްދީން ސްކޫލްގެ ސައިނާ މުހައްމަަދު ރަޝީދެވެ. ސައިނާއަކީ 2012 ވަނަ އަހަރު މުޅި މުބާރާތުން އެއްވަނަ ހޯދި ކުއްޖާ އެވެ.

މުޅި މުބާރާތުން ދެވަނަ ލިބިފައިވަނީ ޖަމާލުއްދީން ސްކޫލްގެ ފާތިމަތު ރިޔަތު ޝަމީޒަށެވެ. އަދި ތިން ވަނަ ލިބުނީ އިސްކަންދަރު ސްކޫލްގެ ދަރިވަރު ޔޫސުފް ޔުހާން އާތިފަށެވެ.

ހަ އުމުރު ފުރާއަކުން ކުދިން ބައިވެރިވި، އެ މުބާރާތުގެ ހަ އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހޯދާފައި ވަނީ ގަލޮޅު މަދަރުސާގެ އައިޝަތު މިޝްކާ ނަބީލެވެ. އަދި ނުވަ އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސްގެ އަހުމަދު ޖޫނީ ޖިނާހް ހޯދާފައިވާ އިރު، މުބާރާތުގެ 11 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ހޯދީ ޣާޒީ ސްކޫލްގެ އައިޝަތު ޔާނިއާ ސިރާޖެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހޯދީ، މުޅި މުބާރާތުގެ ވެސް އެއްވަނަ ހޯދި، ޖަމާލުއްދީން ސްކޫލްގެ އައިމަނަތު ސައިނާ މުހައްމަދު ރަޝީދެވެ. އަދި 16 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ޖަމާލުއްދީން ސްކޫލްގެ ފާތިމަތު ރީއަތު ޝަމީޒް ހޯދިއިރު، 19 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލްގެ މުހައްމަދު ލަމްއާން ހިދާދެވެ.

މިއަހަރުގެ މުބާރާތުގައި ޅެންވެރިކަމުގެ ރޮގުން އެންމެ މޮޅު ޅެމަކަށް ހޮވިފައިވަނީ އަބްދުއްރަޝީދު ހުސައިންގެ ޅެމެކެވެ. އަދި މުބާރާތުގައި ބައިވެރިކުރި އަމިއްލަ ރާގުތަކުގެ ތެރެއިން އެއްވަނަ ރާގަކަށް ހޮވިފައިވަނީ މުހައްމަދު އިކްރާމްގެ ރާގެކެވެ.

މުބާރާތުގައި ކުރިއަށް ދިޔަ ގްރޫޕް ހުށަހެޅުންތަކުގެ ތެރެއިން ޕްރީ ސްކޫލް ތަކުގެ ބައިން އެއްވަނަ ހޯދީ، ކެންގަރޫ ކިޑްސް ޕްރީ ސްކޫލެވެ. އަދި ގްރޭޑް ސްކޫލްތަކުގެ ތެރެއިން އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ޣިޔާސުއްދީން އިއްޓަނޭޝަނަލް ސްކޫލެވެ.