16 May 2014, 21:05
ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީ، ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެފައި ވާކަމަށް އެ ކްލަބުން މިއަދު ބުނެފި އެވެ.
މެސީ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރާން އެއްބަސްވެފައިވާ ކަމަށް ބުނެ އެ ކްލަބުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މެސީ އެ ކްލަބާއެކު އާ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ. އެކަމަކު ކޮންޓްރެކް އާކުރަން މެސީ އެއްބަސްވީ ކިހާވަރެއްގެ ފީއަކަށްކަން ބާސާގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ބާސާގެ ކޮންޓްރެކްޓު އާކުރަން މެސީ ނިންމީ އެ ކްލަބުން މިހާރު އޭނާއަށް ދެމުން އަންނަ މުސާރައަށްވުރެ، ރަނގަޅު މުސާރައެއް އަލުން ހުށަހެޅުމުން ކަަމަށެވެ. އެގޮތުން ސީޒަނެއްގެ މައްޗަށް 20 މިލިއަން ޔޫރޯގެ މުސާރައެއް އާ ކޮންޓްރެކްޓުގެ ދަށުން މެސީއަށް ލިބޭނެ ކަމަށް އިނގިރޭސި ގިނަ މީޑިއާތަކުގައި މިއަދު ވަނީ ބުނެފަ އެވެ.
މި ސީޒަންގައި ބާސާއަށް ޖުމްލަ 41 ލަނޑު ޖަހައިދީފާއިވާ މެސީއަށް 20 މިލިޔަން ޔޫރޯގެ މުސާރައެއް ލިބެން ފެށުމުން، މެސީއާ އެންމެ ވާދަވެރި ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބޭ މުސާރައަށް ވުރެ މެސީގެ މުސާރަ ބޮޑުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ އަހަރު ބާސާއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓުގެ ދަށުން އެ ކްލަބުން އޭނާއަށް ސީޒަނެއްގައި ލިބިފައި ވަނީ 13 މިލިއަން ޔޫރޯ ކަމަށްވެސް ރިޕޯޓްތައް ބުނެފައި ވެއެވެ.