16 May 2014, 20:55
ށ. މާއުނގޫދޫއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ މާލެއިން ދަތުރުކުރަމުން ދިޔަ ބޯޓަކުން އެރަށަށް މަސްތުވާތަކެތި ގެންދަން މަސައްކަތް ކުރާކަމަށް ޕޮލިސް އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ށ. ފުނަދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަންގައި މިއަދު ހެދުނު 11:00 އެހައިކަށް ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ބޯޓުން އެމީހާ މާއުނގޫދޫ ބަނދަރަށް ފޭބުމުން ވަގުތުން އޭނާ ހައްޔަރުކޮށް ބަލާފާސްކުރިއިރު އޭނާގެ ދަބަސް ތެރެއިން މަސްތުވާ އެއްޗެއްކަމަށް ޝައްކުކުރެވޭ ނުވަ ސެލޯފިންކޮޅު ފެނިފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ އަކީ ވައްކަމުގެ މައްސަލައެއްގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ށ.ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.