16 May 2014, 20:14
އޭއެފްސީ ޗެލެންޖް ކަޕްގައި "ގައުމީ ފުޓްބޯޅަ ދަނޑު"ގައި ކުޅޭ މެޗުތަކުގެ ޓިކެޓް، މާދަމާ ވިއްކަން ފަށާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފި އެވެ.
މާދަމާ ހެނދުނު 10:00 ގައި ޓިކެޓް ވިއްކަން ފަށާނީ ގްރޫޕް ސްޓޭޖްގެ މެޗުތަކެވެ. ޓިކެޓް ވިއްކުން މާލޭގެ ތިން ސަރަހެއްދެއްގައި ކުރިޔަށް ދާނެ އެވެ. އެއީ ލައިފް ބޯއީ ޓާފް 1 (އެފްއޭއެމް ހައުސް ކަންމަތި) އާއި ގައުމީ ފުޓްބޯޅަ ދަނޑުންނާއި އެސްޓިއޯ ހޯމް އިމްޕްރޫވްމެންޓުންނެވެ.
މި ތިން ތަނުން ޓިކެޓް ވިއްކަމުން ދިޔަ ނަމަވެސް ގޮނޑިބަރީގެ ޓިކެޓް ވިއްކަމުންދާނީ ހަމައެކަނި ލައިފް ބޯއީ ޓާފް އެކަކުންނެވެ. ޓިކެޓް ގަންނައިރު، އެ ދުވަހެއްގައި ކުޅޭ ދެ މެޗުގެ ޓިކެޓް ގަންނަން ޖެހޭނެ އެވެ. ޓިކެޓް ވިއްކާ އަގަކީ ކޮންމެ މެޗަކަށް ސިޑިބަރިން 25ރ. އަދި ގޮނޑި ބަރިން 50ރ. އެވެ.
"އަޅުގަނޑުމެން އެދެނީ ވީހާ ވެސް ގިނަ ސަޕޯޓަރުން ޚާއްސަކޮށް ރާއްޖެ ކުޅޭ މެޗްތަކަށް އައިސް ގައުމީ ޓީމަށް ސަޕޯޓް ދިނުމަށް. އަޅުގަނޑަށް ޔަގީން މި ޓިކެޓްތައް ވަރަށް އަވަހަށް ވިކޭނެކަން. އެހެންވީމަ ފަހު ވަގުތައް މަޑުނުކޮށް ވީހާވެސް އަވަހަށް ޓިކެޓް ގަތުމަކީ ވަރަށް މުހިއްމު ކަމެއް" ނާއިބު ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ވިދާޅުވި އެވެ.
މީގެ އިތުރުން ޖޭފޯ ވިދާޅުވީ މި ޓިކެޓްތަކުގައި ސެކިއުރިޓީ ފީޗާސްތައް ހުރިގޮތުން ޓިކެޓް ނަކަލު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.