އިންޑިޔާގެ ގާނޫނު ހަދާ މަޖިލިސް، ލޯކް ސަބާގެ އިންތިޚާބު، އެ ގައުމުގެ އިދިކޮޅު ޕާޓީ، ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ނަރެންދުރަ މޮޑީ އަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.


ނަރެންދުރަ މޮޑީ އަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި، ނިމިގެން ދިޔަ އިންތިޚާބުގައި ބީޖޭޕީ ހޯދި ކާމިޔާބީއާ ގުޅިގެން، ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އައު ޒަމާނަކާ އިންޑިޔާ ކުރިމަތިލާ ވަގުތެއްގައި އިންޑިޔާގެ ރައްޔިތުން، އެ ގައުމުގެ ލަގަން މި ހަވާލުކުރީ ރައްޔިތުން ގަބޫލުކުރި އެންމެ ޤާބިލު ފަރާތާ ކަމަށް ވިދާޅުވެ، ނަރެންދުރަ މޮޑީއަށާއި އިންޑިޔާގެ ރައްޔިތުންނަށް އިތުރު ކާމިޔާބީ އާއި ފާގަތިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ދިވެހި ރާއްޖެ އާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބައްލަވާލައްވަމުން، އިންޑިޔާއާ އެކު އޮންނަ ގުޅުމަކީ ރާއްޖެ އިން އަބަދުވެސް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ގުޅުމެއް ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ރާއްޖެއާއި އިންޑިޔާއަކީ އަބަދުވެސް ވަރަށް ގާތް، ވަރަށް ގުޅުން ބަދަހި އަވަށްޓެރި ދެޤައުމުކަން ފާހަގަކުރައްވަމުން، ނަރެންދުރަ މޮޑީގެ ޒަޢާމަތުގައި ރާއްޖެ އާއި އިންޑިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ހެވާއި ލާބައަށް ޓަކައި ދެވެން އޮތް އެއްބާރުލުމެއް ރާއްޖެ އިން އަބަދުވެސް ދެމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ނަރެންދުރަ މޮޑީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެ އެވެ.