ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީ އިން ބީލަމަށް ލާފައިވާ ވ. ފޮއްތެޔޮ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުރާނެ ބަޔަކު ހޯދުމަށް އެމްޓީސީސީ އިން ކުރި އިއުލާން ސަރުކާރުން ހުއްޓުވައިފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާ ގޮތަށްކޮށްފައިވާ އިއުލާން ރައީސް އޮފީހުން ހުއްޓުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބީލަން ރަނގަޅު ގޮތަކަށް ގެންދިޔުމަށް ފުރުސަތު ފުޅާކުރުމުގެ ގޮތުން ހުއްޓުވީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެ މައްސަލާގައި ރައީސް އޮފީހުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓާ ކައިރީ ހިސާބެއްގައި އޮންނަ ފޮއްތެލަކީ މެދު އުތުރު ޕްރޮވިންސްގެ ޓްރާންސްޕޯޓް ނެޓްވޯކް ސަބްސިޑައިޒް ކުރުމަށް އެމްޓީސީސީ އަށް ދީފައިވާ ރަށެކެވެ.

ފޮއްތެޔޮ ތަރައްގީ ކުރާނެ ބަޔަކު އެމްޓީސީސީ އިން ހޯދަނީ ސަބްލީސް އެގްރިމަންޓްއެއްގެ ދަށުންނެވެ.

މީގެ ކުރިން އެމްޓީސީސީ އިން ހުޅުވާލާފައި ވަނީ އެ ކުންފުންޏާ ގުޅިގެން ފޮއްތެޔޮ ތަރައްގީ ކުރުމަށެވެ.

ކުރީގެ ސަރުކާރުން އެ ރަށް އެކުއާސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވީ ނަމަވެސް އެ މައްސަލަ އޭސީސީ އިން ބެލުމަށް ފަހު އެމްޓީސީސީ އަށް އަންގާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ވާތީ އެ ރަށް އަލުން ބީލަމަށް ލުމަށެވެ.