16 May 2014, 18:43
ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ހަރަކާތްތެރިވި ފުލުހުން ތަކަކަށް އިންޒާރުދިން މައްސަލައެއްގައި އެރިސޯޓުގެ ހަތަރު މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ޝެރެޓަން މޯލްޑިވްސްގެ ހަތަރު މުވައްޒަފަކު ރޭގެ ވަގުތެއްގައި ހައްޔަރުކުރީ އެ ރިސޯޓުގެ މެނޭޖްމަންޓްގެ އެދުމުގެ މަތިން އެ ރިސޯޓުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް އިންޒާރުދިން ކަމުގެ ކުށުގައި ކަމަށެވެ.
"ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 38 އަހަރުގެ ފިރިހެނެއް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ޝެރެޓަން މޯލްޑިވްސްގެ މެނޭޖްމަންޓުގެ އެދުމުގެ މަތިން ފުލުހުން އެ ރިސޯޓަށް ދިޔައީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝެރަޓަން މޯލްޑިވްސްގެ މުވައްޒަފުންތަކެއް ފުލުހުންނަށް އިންޒާރުދިން މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ޝެރެޓަންގެ ހަތަރު މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، މި މަހުގެ އެއްވަނަ ދުވަހު، އެރިސޯޓުގެ މުވައްޒަފަކު ސަން އަށް މައުލޫމާތުދެމުން ބުނީ، ރިސޯޓުގައި މަސައްކަތްކުރާ ބައެއް ދިވެހި މުވައްޒަފުން މެނޭޖްމަންޓާ ދޭރޭގައި ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރުމުން އެދުވަހު (ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހު) އެރިސޯޓުގައި ޝުއޫރު ފާޅުކުރުމަށް އެއްވުމެއް ބާއްވަން އުޅުމުން އެފަދަ އެއްވުމެއް ނުބޭއްވޭނެ ކަމަށް އަންގައި މެނޭޖްމަންޓުން ސިޓީއެއް ފޮނުވި ކަމަށެވެ.
ޝެރެޓަންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު ޝުމައިސް ރަޝީދު "ސަން"އަށް މިއަދު ވިދާޅުވީ ރިސޯޓުގެ އޮޕަރޭޝަނަށް ހުރަސްއެޅި ތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްފަހު ރިޒޯޓުން ފޭބުމަށް އެމީހުންނަށް އެކަށީގެންވާ މުހުލަތެއް ދިނުމުން ވެސް އެ އެންގުމަށް ތަބާނުވެ ރިސޯޓުން ނުފޭބުމުން ފުލުހުންގެ އެހީތެރިކަމަށް ރިސޯޓުގެ މެނޭޖްމަންޓުން އެދުނު ކަމަށެވެ.
"ފުލުހުން އެ ތިން މުވައްޒަފުން ފޮނުވާލުމަށް މަސައްކަތް ކުރުމުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ހަތަރު މުވައްޒަފަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި. އެ ހަތަރު މުވައްޒަފުންގެ އެ އަމަލަކީ ވަޒީފާގެ އެއްބަސްވުމާ ޚިލާފު އަމަލަކަށް ވާތީ އެމީހުން ވެސް މިހާރު ވާނީ ވަޒީފާއިން ވަކިކޮށްފައި،" ޝުމައިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިކަމާ ގުޅިގެން ރިސޯޓުގެ ހިންގުމަށް އެއްވެސް ބުރުލެއް އަރާފައިނުވާ ކަމަށާއި އަދި ފަތުރުވެރިންނަށް ވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފައިނުވާ ކަމަށެވެ.