28 Mar 2010, 11:31
14:30
އެއްވެއުޅުމުގެ ޤަވައިދު ގެ ދަށުން، އެއްވުންތައް ރޫޅާލުމުގައި ހަމަހަމަ އުޞޫލްތަކެއް ގެންގުޅެމުން ނުދާ ކަމަށް ބުނެ، އެއްވުންތައް ހުއްޓުވުމާއި ރޫޅާލުމުގައި ތަފާތުކުރުންތައް ނުގެންގުޅުމަށާއި އެއްމިންގަޑެއް ހިފެހެއްޓުމަށް އަމަން ބަލަހައްޓާ ފަރާތްތަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފި އެވެ.
މިހާރަކަށް އައިސް މާލެތެރޭގައި ހިނގާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އުފެދޭ ތަޅާފޮޅުމާއި މާރާމާރީތަކާއި، ސިޔާސީ އެއްވުންތައް ރޫޅާލުމަށް ކަމާބެހޭ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީތަކުގެ ބައްދަލުވުންތަކަށް ހުރަސްއެޅި، ވަކިން ޚާއްޞަކޮށް ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ، "ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލާ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން، ހަނިކުރެވޭ ފަދަ ގޮތަކަށް އެކުލަވާލާފައިވާ" އެއްވެ އުޅުމުގެ ޤަވައިދު"ގެ ދަށުން، އެއްވުންތައް ރޫޅާލުމުގައި ހަމަހަމަ އުޞޫލްތަކެއް ނުގެންގުޅޭކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ސިޔާސީ ޙަރަކާތްތައް ހިންގަމުންދާއިރު، ހަމަނުޖެހުންތައް އުފެދި، ތަފާތު ވިސްނުމުގެ މީހުންގެ މެދުގައި ކުރިމަތިލުންތައް ހިނގާ، މާރާމާރީ ހިންގާ ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން ތަފާތު ބޮޑެތި ގެއްލުންތައް ޢާއްމު ފަރުދުންނަށް ލިބެމުންދާތީ، އެފަދަ ޢަމަލުތައް ކުށްވެރިކުރާ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތަށް ހުރަސްއެޅޭ ގޮތަކަށް އެއްވެސްފަރާތަކުން ޢަމަލުނުކުރުމަށާއި، މިކަންކަން ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތުގައި ވެސް ޤާނޫނު އަސާސީއާއި ޤާނޫނާއި ޤަވައިދުތަކަށް އިޙްތިރާމްކޮށް، ތަފާތުކުރުމެއްނެތި ޢަމަލުކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހަމަނުޖެހުންތަކާއި މާރާމާރީ ހިންގާފައިވާތީ އާއި، މަޖިލީހުގެ މަސައްކަތަށް ބުރޫއަރާފައިވާތީ ކަންބޮޑުވާ ކަމަށާއި، މަޖިލީހުގެ ތެރޭގައި ޚިޔާލުތަފާތުވާ މައްސަލަތައް މަޖިލީހުގައި މަޝްވަރާކޮށްގެން ޙައްލުކުރުމަށް މަސައްކަތްކުރުމާއި، ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މަޖިލީހުގެ ކަރާމާތަށް ބުރޫއަރައި، މަޖިލީހުގެ މަސައްކަތް ހުއްޓުމަކަށް އަންނަ ފަދަ ޢަމަލުތައް ނުހިންގުމަށާއި، ޤައުމުގެ މަސްލަޙަތާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް މަޖިލީހުން ކުރަންޖެހޭ މަސައްކަތް އަވަސްކުރުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަންގެ ނޫސް ބަޔާނުގައި އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.
އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމުގެ އިތުބާރުނެތްކަމުގެ މައްސަލަ މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް، ހުށަހަޅައި ބަސްހު ފެއްޓުމާ ގުޅިގެން ވާދަވެރި ބޮޑު ދެ ޕާޓީގެ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުން މިހާރުވަނީ މާލޭގެ މަގުތަކާ ހަމައަށް ފުޅާވެފަ އެވެ. އެ މައްސަލައިގައި އޮޑިޓަރ ޖެނެރަލްގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށް އޭނާ މަގާމުން ދުރުކުރުމަށް އިދިކޮޅު ޑީއާރުޕީން މަސައްކަތް ކުރާއިރު އެމްޑީޕީން ބުނަމުން ގެންދަނީ އެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. މި މައްލައިގައި ހަމަނުޖެހުންތަކެއް ހިނގައި އެތައް ބަޔަކަށް އަނިޔާވެ އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު ވެސް މި މައްސަލައިގައި އެއްވެސް ފަރާތަކުން ދޫދޭން އުޅާކަމުގެ ނިޝާންތަކެއް މިހާތަނަށް އައިއިރުވެސް ފެނިފައެއްނުވެ އެވެ. މި މައްސަލައިގައި ޑީއާރުޕީން ތަކުރާރުކޮށް ބުނަމުން އަންނަނީ ދޫ ނުދޭނެ ކަމަށެވެ. އެގޮތުން އޮޑިޓަރ ޖެނެރަލްގެ އިތުބާރުނެތްކަމުގެ މައްސަލައަށް މަޖިލީހުގައި ވޯޓަށް އަހަންދެން އެޕާޓީން ކުރިއަށް ގެންދިއުމަށް ރާވައިފާ ސިސްސިލާ އެއްވުންތަކުގެ ތެރެއިން އެއްވުމެއް މިރޭ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އޮޑިޓަރ ޖެނެރަލްގެ މައްސަލައަށް ބަހުސްކޮށް ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.