ކުރިއަށް އޮތްތަނުގައި ބައިނަލްއަގްވާމީ އެކުވެރި ކަމުގެ ބޮޑެތި ފުޓްބޯޅަ މެޗުތަކާއި ވޯލްޑް ކަޕް ކޮލިފައިން ފަދަ މެޗުތައް ރާއްޖޭގައި ކުޅޭގޮތަށް އޭޝީއާ ސަރަހައްދުގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ)އާ އެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މަލީހު މިހެން ވިދާޅުވީ، އޭއެފްސީ ޗެލެންޖް ކަޕް މޯލްޑިވްސް 2014 އަށް ހާއްސަކޮށްގެން ސަން އޮންލައިނުން ތައްޔާރުކުރި ވެބް ޕޭޖް ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އޭއެފްސީ ޗެލެންޖު ކަޕް ގްރޫޕް ބީގެ މެޗުތައް ކުޅޭ އައްޑޫ ސިޓީގެ ޒޯން ސްޓޭޑިއަމް ބައްލަވައިލެއްވުމަށް ވަޑައިގެންނެވި އޭއެފްސީގެ އިސް ބޭފުޅުން ވަނީ އަޅުގަނޑުމެންނާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި، އެ ބޭފުޅުން ޝައުގުވެރިކަން އެބަ ހުއްޓޭ ކުރިއަށް އޮތްތަނުގައި މިސަރަހައްދުގައި ކުޅޭ ވޯލްޑް ކަޕް ކޮލިފައިން ބައެއް މެޗުތަކާއި އަދި އެނޫންވެސް ބައިނަލްއަގްވާމީ ފްރެންޑްލީ މެޗުތައް ފަދަ ބޮޑެތި މެޗުތައް ޒޯން ސްޓޭޑިއަމްގައި ބާއްވަން،" މަލީހު ވިދާޅުވި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގައި ބޮޑެތި ފުޓްބޯޅަ މެޗުތައް ބޭއްވުމަށް އޭއެފްސީން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެކަމާ ގުޅޭ ރަސްމީ ވާހަކަތައް އަންނަ އަހަރުގެ މާޗް ހިސާބުގައި ކުރިއަށް ގެންދިއުމަށް ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"ރާއްޖޭގައި ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދީފައިވާ އިރު، އެ ބޭފުޅުންގެ ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަހުރި ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރަން،" ކުޅިވަރާ ބެހޭ ވަޒީރު މަލީހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ފުޓްބޯޅައަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މަގުބޫލު ކުޅިވަރަކަށް ވާއިރު، ރާއްޖޭގައި ބައިނަލްއަގްވާމީ، ފުޓްބޯޅަ މެޗުތައް ގިނަގިނައިން ބޭއްވޭނަމަ، އޭގެ މަންފާ ރާއްޖޭގެ އިގްތިސާދަށް ފުޅާ ދާއިރާއެއްގައި ކުރާނެ އެވެ.

"އަޅުގަނޑުމެން މި ވިސްނަނީ، ބޭރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި އަދި ބޮޑެތި ކްލަބްތަކާ ވެސް ވާހަކަދައްކައިގެން ރާއްޖޭގައި އެފަދަ މެޗުތަކެއް ކޮންމެ އަހަރަކުވެސް ބާއްވަން. މީގެ ފައިދާއަކަށް ވެގެންދާނީ، ފުޓްބޯޅައަށް ޝައުގުވެރިވާ ގިނަ ބަޔަކު، އެފަދަ ކްލަބް ތަކާއި ކުޅުންތެރިން ވެސް ދެކިލުމަށް ރާއްޖެ އަންނާނެ. އެހެންކަމުން ޓޫރިޒަމަށް އެކަމުން ރަނގަޅު އަސަރުތަކެއް ކުރާނެ،" މަލީހު ވިދާޅުވި އެވެ.